'ދަ ކެރެލާ ސްޓޯރީ 2' ރިލީޒްކުރުން ހުއްޓުވައި ފިލްމު އަލުން މުރާޖައާކުރުމަށް ސެންސަރު ބޯޑަށް އަންގައިފި

"ދަ ކެރެލާ ސްޓޯރީ 2" ރިލީްޒްކުރުން ހުއްޓުވުމަށް ކެރެކާ ހައި ކޯޓުން ސެންސަރު ބޯޑަށް ވަނީ އަންގާފައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮޑު މައްސަލަގަނޑެއްގެތެރެއަށް ވެއްޓިފައި އޮތް ފިލްމު "ދަ ކެރެލާ ސްޓޯރީ 2" ރިލީޒްކުރުން ހުއްޓުވައި ފިލްމު އަލުން މުރާޖައާ ކުރުމަށް އިންޑިއާގެ ފިލްމު ސެންސަރު ބޯޑަށް ކެރެލާގެ ހައިކޯޓުން އަންގައިފިއެވެ.

"ދަ ކެރެލާ ސްޓޯރީ 2: ގޯސް ބިޔޯންޑް"ގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ބެލެވޭ މި ނިންމުމުގައި، ކެރެލާގެ ހައިކޯޓުން ވަނީ މި ފިލްމު ރިލީޒްކުރުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރެއް ނެރެފައެވެ.

ކޯޓުން މިގޮތަށް ނިންމީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން މި ފިލްމަށް ދީފައިވާ "ޔޫއޭ" (UA) ސެޓިފިކެޓާ މެދު ސުވާލު އުފެދޭތީއެވެ. މި އަމުރު ނެރެފައިވަނީ، ކޯޓުން ވަކި ގޮތެއް ނިންމަންދެން ފިލްމު ރިލީޒް ނުކުރުމަށް ޕްރޮޑިއުސަރުންގެ ކިބައިން ކޯޓުން އެދިފައިވާތާ ދެ ދުވަސް ފަހުންނެވެ.

މިއީ ފިލްމެއް އާންމުންނަށް ދެއްކުމަށް އެކަށީގެންވޭތޯ ނުވަތަ ނޫންތޯ ނިންމާ އެންމެ ފަހުގެ ބާރު ކަމުގައި ބެލެވޭ ސީބީއެފްސީއަށް ވެސް ލިބުނު ބޮޑު ހީނަރުކަމެކެވެ.

"ދަ ކެރެލާ ސްޓޯރީ 2"ގެ ޓްރެއިލާއިން މަންޒަރެއް--ފޮޓޯ/އެންޑީޓީވީ

ކެރެލާ ހައި ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުޖުތަމައުގެ ހަމަޖެހުން ގެއްލިދާނެ ފަދަ ކަންކަން ފިލްމެއްގައި ހުރިތޯ ބަލަން ކަނޑައަޅާފައިވާ އުސޫލުތަކަށް ސީބީއެފްސީން އަމަލުކޮށްފައިވާ ކަމަށް ނުބެލެވެއެވެ.

ފަނޑިޔާރު ބެޗޫ ކްރިއަން ތޯމަސް ވަނީ، ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް ދެ ހަފުތާގެ ތެރޭގައި ފިލްމު އަލުން މުރާޖައާ ކުރުމަށް ސީބީއެފްސީއަށް އަންގަވާފައެވެ. އެހެންކަމުން އެ ބޯޑުން އާ ނިންމުމެއް ނިންމަންދެން ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް ކެރެލާގެ ހައިކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި، އާންމުގޮތެއްގައި ފިލްމުތައް ރިލީޒް ކުރުމަށް ހުރަސް އެޅުމަކީ ކޯޓުން ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މި މައްސަލައިގައި ހުރި ކަންބޮޑުވުންތަކަކީ ހަގީގީ ކަންބޮޑުވުންތަކަކަށް ވާތީ، އެކަންކަން ފުންކޮށް ބަލަންޖެހޭ ކަމަށް ދެކޭ ކަމަށް ކެރެލާގެ ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މި ފިލްމު ރިލީޒްކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ މިއަދަށެވެ. މި ހަފުތާގައި ރިލީޒްކުރަން އޮތް ހަމައެކަނި ބޮޑު ފިލްމު ފަސްކުރަން ޖެހުމާއެކު، ސިނަމާ ހިންގާ ފަރާތްތަކުގެ އިތުރުން މި ފިލްމުގެ ޓިކެޓް އެޑްވާންސްކޮށް ގަނެފައިވާ މީހުންވެސް މިހާރު ތިބީ ހާސްކަމެއްގެތެރޭގައި ކަމަށް އިންޑިއާގެ ފިލްމީ ޚަބަރުތައް ބުނެއެވެ،

މިކަމާ ގުޅޭގޮތުން ޕަޓްނާގެ ކޮންޕްލެކްސް ސިނަމާގެ މެނޭޖަރު ކުމާރު އަބީޝެކް ބުނެފައިވަނީ، ފިލްމު ފަސްކުރިކަމުގެ އެއްވެސް ރަސްމީ މައުލޫމާތެއް އަދި އެ ސިނަމާއަށް ލިބިފައެއް ނުވެއެވެ.

އިންޑިއާ އާއި އެ ގައުމުން ބޭރުގެ އެކި ސަރަހައްދުތަކުގައި ފިލްމުގެ ބުކިންތައް މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާއި، މި ފިލްމުގެ ބަދަލުގައި ދައްކާނެ އެހެން ފިލްމެއް ނޭނގޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް ފިލްމީ ބުކިންގް ހަދާ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމަށްވާ 'ބުކްމައިޝޯ' އެޕްލިކޭޝަންއިން "ދަ ކެރެލާ ސްޓޯރީ 2" މިހާރު ވަނީ ނަގާފައެވެ. އެހެންކަމުން މި ފިލްމު މިއަދު ސިނަމާތަކުގައި ނުދައްކާނެކަން ގިނަ ބަޔަކަށް ވަނީ ޔަގީންވެފައެވެ.

ފިލްމު "ދަ ކެރެލާ ސްޓޯރީ 2" އަކީ ވިޕުލް ޝާހް 2023 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ. ފުރަތަމަ ފިލްމުގައި ވެސް ދައްކުވައިދީފައި ވަނީ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ހިންދޫ ދީނުގެ އަންހެން ކުދިންތަކެއް އޮޅުވާލައިގެން ލޯބީގެ މަޅީގައި ޖެއްސުމަށްފަހު އިސްލާމްދީނަށް ވައްދައި ފަހުން އެ އަންހެން ކުދިން އައިއެސްއައިއެސްއާ ގުޅުނު ކަމަށެވެ.

މި އަހަރު ރިލީޒްކުރާ ފިލްމުގެ ވާހަކަ ވެސް އެފަދަ ގޮތަކަށް ބިނާކޮށްފައިވާތީ ފިލްމާ ދެކޮޅަށް ހައި ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައި ވަނީ މި ފިލްމުގެ ނަމުގައި ކެރެލާ ސްޓޭޓްގެ ނަން ހިމަނާފައި ވަނީ ވެސް އެ ސްޓޭޓްގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަށް ނައްތާލައި ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. ކެރެލާ ސްޓޭޓް އަކީ ވަރަށް ސުލްހަވެރިކަމާ އެކު ހުރިހާ ދީނެއްގެ މީހުންވެސް ދިރިއުޅެމުން އަންނަ ސްޓޭޓެއް ކަމަށާއި އާއްމު ރައްޔިތުންގެ މެދުގައި އޮތް ސުލްހަ މަސަލަސްކަން ނައްތާލުމަށް ނޯތު އިންޑިއާގެ މީހުން އުފެއްދި މި ފިލްމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ކެރެލާގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

comment ކޮމެންޓް