މީގެ ދެ އަހަރެއްހާ ދުވަސްކުރިން މެޑޮކް ފިލްމްސްއިން އިއުލާނުކުރި ޕީރިއަޑް ފިލްމު "މަހާވަތުރް"އިން އެކްޓަރު ވިކީ ކޯޝަލްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ޝްރައްދާ ކަޕޫރު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވިކީ ޓައިޓްލް ރޯލް ކުޅޭ މި ފިލްމަށް ޝްރައްދާ ގެނައުމަށް ބަތަލާއާ އެކު މަޝްވަރާތަކެއް އަންނަނީ ކުރެވެމުންނެވެ.
މި ފިލްމަށް ޝްރައްދާ އެއްބަސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މީޑިއާތަކުން ބުނެފައިވާއިރު މިއީ ބަތަލާ މީގެކުރިން އެކީގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު އަމަރު ކޯޝިކްގެ އުފެއްދުމެކެވެ. އަމަރު ކޯޝިކް ޑައިރެކްޓްކޮށް ޝްރައްދާ މުހިއްމު ރޯލްތައް ކުޅެފައިވާ ފިލްމު "އިސްތިރީ" ފްރެންޗައިސް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފްރެންޗައިސްއެކެވެ.
ހަމައެއާއެކު "އިސްތިރީ" ފްރެންޗައިސްގެ ދަށުން ގެނެސްދިން ފިލްމުތަކަކީ ބަތަލާ ޝްރައްދާގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމުތަކެވެ. މި ފްރެންޗައިސްގެ ދަށުން މިހާތަނަށް ދެ ފިލްމު ގެނެސްދީފައިވާއިރު ތިން ވަނަ ބައި ވެސް ވަނީ އިއުލާނުކޮށްފައެވެ.

ބަތަލާ ޝްރައްދާ ފިލްމު "އިސްތިރީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ކޮއިމޮއި
މެޑޮކްގެ އިތުރު ފިލްމަކަށް ޝްރައްދާ ގެނައުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނައިރު ބަތަލާ އަންނަނީ އެ ސްޓޫޑިއޯގެ އެހެން ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ވިކީގެ ފިލްމު "ޗާވާ"ގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރު އުފައްދާ ބައޮޕިކް ފިލްމު "އީތާ"އެވެ.
ފިލްމު "މަހާވަތަރް"ގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެތެރޭ ފަށަން ނިންމާފައިވާއިރު މި ފިލްމަށް ވިކީއަށް ވަގުތު ދެވެން އޮތީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ ޝެޑިއުލް ނިމުމުންނެވެ.