ސަރުކާރުން ޓީބިލާއި ބޮންޑަށް، ބީއެމްއެލްއަށް އަނބުރާ ދައްކަން ޖެހޭ އަދަދު 16.5 ބިލިއަން ރުފިޔާއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް: ސަރުކާރުން ޓީބިލާއި ބޮންޑަށް، ބީއެމްއެލްއަށް އަނބުރާ ދައްކަން ޖެހޭ އަދަދު ވަނީ 16.5 ބިލިއަން ރުފިޔާއަށް އަރައިފައި -- ފޮޓޯ/ ރައިސް އޮފީސް

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ވިއްކާ ޓީބިލާއި ޓީބޮންޑު ގަތުމުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު މިދިޔަ އަހަރު 16.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޓީބިލާއި ޓީބޮންޑަކީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ކުރު މުއްދަތަށާއި ދިގު މުއްދަތަށް ނަގާ ދަރަންޏެވެ. އެގޮތުން ޓީބިލާއި ޓީބޮންޑުގައި އާންމު ގޮތެއްގައި އިންވެސްޓް ކުރަނީ ބޭންކްތަކާއި ޕެންޝަން ފަންޑާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

ގައުމީ ބޭންކް، ބީއެމްއެލްއިން ވެސް ޓީބިލާއި ޓީބޮންޑުތަކަށް އާންމު ގޮތެއްގައި އިންވެސްޓްކުރެއެވެ. އެ ބެންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ ފާއިތުވި ދެ އަހަރު ސަރުކާރުގެ ޓީބިލާއި ޓީބޮންޑަށް އިންވެސްޓްކޮށްފައިވާ އަދަދުތައް ހާމަކޮށްފައެވެ. އެއީ:

2024

  • ޓީބިލް - 10.86 ބިލިއަން ރުފިޔާ
  • ޓީބޮންޑް - 2.42 ބިލިއަން ރުފިޔާ

2025

  • ޓީބިލް - 11.07 ބިލިއަން ރުފިޔާ
  • ޓީބޮންޑް - 5.46 ބިލިއަން ރުފިޔާ

އެ އަދަދުތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ސަރުކާރުން ޓީބިލާއި ޓީބޮންޑަށް، ބީއެމްއެލްއަށް އަނބުރާ ދައްކަން ޖެހޭ ފައިސާގެ އަދަދު ހުރީ 13.3 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދުވަނީ 16.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

މިދިޔަ އަހަރު ސަރުކާރުން ބީއެމްއެލްއަށް ވިއްކި ޓީބިލާއި ބޮންޑުގެ މިންވަރު އިތުރުވެފައިވާއިރު، އެފަދަ މުއާމަލާތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް، ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑުތަކަށާއި ޓީބިލަށް ބޮޑަށް ބަރޯސާވުމަކީ ބައެއް ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެއީ ސަރުކާރުގެ ބޮންޑާއި ޓީބިލުން، ރިޓާންގެ ގޮތުގައި ކޮންޓްރިބިއުޓާސްއަށް ލިބޭ އެއްޗެއް ކުޑަވުމުގެ ސަބަބުންނެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރި މާކެޓަށް އެ ފައިނޭންސް ދޫކުރާނަމަ ޕެންޝަން ފަންޑަށް ފައިސާ ލާ މީހުންނަށް މާ ބޮޑު ރިޓާންއެއް ލިބޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ދެކެއެވެ.

https://sun.mv/213571

މީގެ އިތުރުން، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން މިދިޔަ އަހަރު ވަނީ ނިންމައިފައެވެ. އެ ނިންމުމާ ދެކޮޅަށް ކަމާ ގުޅޭ މާހިރުން ވެސް ވަނީ ދައްކަވައިފައެވެ.

އެ މުއާމަލާތް ހިންގަން ފާސްކުރި ފަހުން ޕެންޝަން އޮފީހުން، ބޯޑުގެ ޗެއާޕާސަން ޑރ. އަޙްމަދު އިނާޒާއި، ސީއީއޯ ސުޖާތާ ޙަލީމާއި ސީއެފްއޯ ޙައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް ވަނީ އިސްތިއުފާދެއްވާފައިވެއެވެ.

https://sun.mv/196001

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ އަހަރު ކަމަށްވާ 2024ގައި ބީއެމްއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ބަދަލު ގެނައީ، ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި އޮގަސްޓު 2024ގައި ކުރި އިއުލާނަކާ ގުޅިގެން ސަރުކާރުގެ ފާޑު ކިޔުން ބޯޑަށް އަމާޒުވި ދަނޑިވަޅެއްގައެވެ. އަދި ބޭންކުގެ އޭރުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފައި ވަނިކޮށެވެ.

ސަރުކާރުން ވަނީ ބީއެމްއެލްއިން އެ އިއުލާން ކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި އޭރު ރައީސް ވަނީ އެއީ ބަޣާވާތެއް ކުރަން އުޅުމުގެ ގޮތުގައި ސިފަކުރައްވާފައެވެ.

comment ކޮމެންޓް