އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ލަވަކިޔުން ހުއްޓާލި ޚަބަރާއެކު މާޔޫސްކަން ލިބުނު މީހުންނަށް ލަވަކިޔުންތެރިޔާ އުފާވެރި ޚަބަރެއް ދީފިއެވެ.
ދާދިފަހުން އަމިއްލަ ރަސްމީ އެކްސް އެކައުންޓް ޕަބްލިކް ކުރުމަށްފަހު ޕޯސްޓުކުރި ފުރަތަމަ މެސެޖުގައި އަރިޖިތު ބުނީ ކުރިން މަސައްކަތް ފަށާފައިވާ ލަވަތަކުގެ ތެރެއިން ނުނިމިހުރި ގިނަ ލަވަތަކެއް މި އަހަރާއި އަންނަ އަހަރުތެރޭ ރިލީޒްކުރާނެ ކަމަށެވެ.
އަރިޖިތު ބުނީ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރިއިރު އޭނާ ނިންމަން ހަވާލުވެފައިވާ ލަވަތަކުގެ ތެރެއިން ނުނިމުހުރި ލަވަތަކުގެ އަދަދު ވަރަށް ދިގު ކަމަށާއި އާ ލަވަތަކެއް އަންނަ އަހަރާ ހަމައަށް އެހުންތެރިންނަށް އިވެމުންދާނެ ކަމަށެވެ.
ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރުމާއެކު ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރުވެރިވާ ކަމަށާއި އަދިވެސް އަރިޖިތުގެ ލަވަތަކަށް އިންތިޒާރުކުރާ ގިނަބަޔަކު ތިބިކަން އެނގުމުން ވަރަށް އުފާވި ކަމަށް ކުޅަދާނަ މިއުޒީޝަން ވަނީ ބުނެފައެވެ.

އަރިޖިތު ސިންގް އެކްސްގައި ކުރި ޕޯސްޓް-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ
އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ހުރި އެންމެ މަޝްހޫރު އަދި ކާމިޔާބު ލަވަކިޔުންތެރިޔާ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނު ކުރުމާއެކު ވަރަށް ގިނަ ބަޔަކަށް ސިހުން ލިބި މާޔޫސްކަން ލިބުނެވެ.
ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރިތާ މާގިނަ ދުވަހެއް ނުވަނީސް އަރިޖިތު ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ފުރަތަމަ ލަވަ ދާދިފަހުން ވަނީ ރިލީޒްކޮށްފައެވެ. އެއީ އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "އޭކް ދިން"ގެ ޓައިޓްލް ލަވައެވެ.
ފިލްމުތަކަށް ލަވަކިޔުން ހުއްޓާލި ނަމަވެސް އިންޑިއަން ކްލެސިކަލް މިއުޒިކް އުފެއްދުމުގެ މަސައްކަތް އޭނާ ކުރާނެ ކަމަށް ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސޯޝަލް މީޑިއާގައި އަރިޖިތު ވަނީ ބުނެފައެވެ.