ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ތަލަޕަތީ ވިޖޭގެ ކެރިއަރުގެ އެންމެފަހު ފިލްމު "ޖާނާ ނަޔަގަމް" ސިނަމާތަކުގައި ރިލީޒްނުކުރެވި އުޅެނިކޮށް އޮންލައިން ސައިޓުތަކަށް ލީކުކޮށްލައިފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިކޮނޮމިކްޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމު އޮންލައިން ސައިޓުތަކުގައި ދައްކަން ލީކުކޮށްލީ އެ ފިލްމުގެ އެޗްޑީ ކޮލިޓީގައެވެ.
މި ޚަބަރު ފެތުރުމާ އެކު ވިޖޭގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ އެފަދަ ސައިޓުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް ގޮވާލާފައެވެ.
ހަމައެއާއެކު ފިލްމު "ޖާނާ ނަޔަގަމް"ގެ ޑައިރެކްޓަރު އެޗް. ވިނޯތު ވަނީ ފިލްމު ސައިޓުތަކުގައި ހިއްސާ ނުކުރުމަށާއި ފިލްމާ ގުޅުންހުރި ކޮންޓެންޓް ހިމެނޭ އެއްވެސް ލިންކެއް ވެސް އޮންލައިން ސައިޓުތަކުގައި ދައުރު ނުކުރުމަށް އޯޑިއަންސް ގާތު އެދިފައެވެ.

ވިޖޭ ފިލްމެއްގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ވިނޯތު އިންސްޓަގްރާމް މެދުވެރިކޮށްކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމުގެ ކޮންމެ މަންޒަރަކީ ވެސް ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި ބައެއްގެ ހުވަފެންތަކެއް ކަމަށެވެ. ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމުގެ ކުރިން އެކި ސައިޓުތަކުގައި އޮންލައިންކޮށް ލީކުކުރަމުންދާ މަންޒަރަކީ ވަރަށް ހިތްދަތި މަންޒަރެއް ކަމަށާއި އެކަން ހުއްޓުވުމަށް އޯޑިއަންސްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިނޯތުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކުރި ފިލްމު ވިޖޭގެ ފިލްމު ކަނޑައެޅި ތާރީހުގައި ރިލީޒް ނުކުރެވުނީ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ)އިން ފިލްމު ރިލީޒްކުރުމުގެ ކުރިން ދޭންޖެހޭ ހުއްދައާ ގުޅޭ ކަންކަން ނިންމުމުގައި ފެއިލްވުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ސީބީއެފްސީގެ ޒިންމާދާރުކުޑަކަމާ ހެދި ވިޖޭގެ ފިލްމު ރިލީޒްކުރުން ލަސްވެފައިވާތީ އެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް މިހާތަނަށް ވެސް މި މައްސަލައިގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ފިލްމު މި އޭޕްރީމް މަހުތެރޭ ރިލީޒްކުރާނެ ކަމަށް ބައެއް މީހުން އުއްމީދުކުރި ނަމަވެސް އެކަމާބެހޭގޮތުން ވެސް ރަސްމީކޮށް ވަކި އެއްޗެއް ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިންވެސް ހާމަކޮށްފައެއް ނުވެއެވެ.
ވިޖޭ ލީޑް ރޯލް ކުޅެފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާ "ޖަނަ ނަޔަގަން" އަކީ އެކްޓަރު ރަސްމީގޮތުން ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނެފައިވާ ކެރިއަރުގެ އެންމެފަހު ފިލްމެވެ.