ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެނީ

އިންޑިއާގެ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ މަޝްހޫރު ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހާލު ދެރަވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ. ފުރަތަމަ ހާޓް އެޓޭކެއް ޖެހުނު ކަމަށް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް، އޭނާގެ މާމަ ދަރިފުޅު ޒަނާއީ ބޯސްލޭ ވަނީ އެކަން ދޮގުކޮށްފައެވެ. ޒަނާއީ ބުނި ގޮތުގައި އާޝާ ހޮސްޕިޓަލަށް ގެންދެވުނީ ބޮލަށް އެނބުރުން އަރާތީއެވެ. އަދި ފަހުން އެނގުނު ގޮތުގައި އެއީ މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ދިމާވި ކަމެކެވެ. މިވަގުތު އާއިލާއިން ވަނީ ޕްރައިވެސީއަށް އެދި، އާޝާއަށް ހެޔޮ ދުއާކޮށްދިނުމަށް އެދިފައެވެ. އާޝާ އަކީ 12،000 އަށްވުރެ ގިނަ ލަވަ ކިޔާފައިވާ، އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮއެވެ.

  • އުމުރުން 92 އަހަރުގެ އާޝާ ބޯސްލޭ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑުމިޓްކުރުން
  • ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނެ ފެތުރުނު ޚަބަރު މާމަ ދަރިފުޅު ޒަނާއީ ދޮގުކުރުން
  • އާޝާގެ ހާލު ދެރަވީ މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ކަށަވަރުކޮށްދިނުން
  • މިވަގުތު އާއިލާއަށް ޕްރައިވެސީ ބޭނުންވާކަމަށާއި، ހެޔޮ ދުއާކޮށްދިނުމަށް ޒަނާއީ އެދުން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދޭން ފަށާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން 92 އަހަރުގެ ލަވަކިޔުންތެރިޔާ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ގެންދެވުނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެހެންނަމަވެސް އާޝާގެ މާމަ ދަރިފުޅު އަދި ޒުވާން ލަވަކިޔުންތެރިޔާ ޒަނާއީ ބޯސްލޭ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ޚަބަރުތައް ދޮގުކޮށްފައިވެއެވެ.

ޒަނާއީގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އިއްޔެގެ ވަގުތެއްގައި މާމަ އާޝާ ބޯސްލޭ، ހޮސްޕިޓަލަށް ގެންދެވުނީ ބޮލަށް އެނބުރުން އަރާގޮތްވެ އުނދަގޫތަކެއްވާން ފެށުމުންނެވެ. ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދޭންފެށުމުން ފަހުން އެނގުނު ގޮތުގައި އާޝާގެ ހާލު ދެރަވީ މޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ކަމަށް ޒަނާއީގެ ޕޯސްޓުގައި ވަނީ ބަޔާންކޮށްފައެވެ.

ޒަނާއީ ބޯސްލޭ މާމަ އާޝާ ބޯސްލޭއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މާމައަށް ބޭނުންވާ ސިއްހީ ފަރުވާ ހޮސްޕިޓަލުގެ ޑޮކްޓަރުން ދެމުން އަންނަ ކަމަށާއި މިވަގުތު އެ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ޒަނާއީ ވަނީ އިންޑިއާގެ މީޑިއާތަކަށް އެދިފައެވެ.

ހަމައެއާއެކު މާމަ އާޝާގެ ހާލު ރަނގަޅުވުމަށް ހުރިހާ އެންމެންގެ ހެޔޮ ދުއާތައް ބޭނުންވާ ކަމަށާއި މިހާތަނަށް އެ އާއިލާއަށް ލިބެމުން އަންނަ ލޯތްބަށް ޝުކުރު އަދާކުރާ ކަމަށް ޒަނާއީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އާޝާ ބޯސްލޭއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެންނެވެ. ނަމަވެސް މިހާތަނަށް އެކަން އާއިލާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ މަގުބޫލު ލަވަކިޔުންތެރިންގެތެރޭ ހިމެނޭ އާޝާ ބޯސްލޭ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ލެޖެންޑަރީ ލަވަކިޔުންތެރިއެކެވެ.

ދިގު މުއްދަތަކަށްފަހު އާޝާ ވަނީ 2024ގައި "ސައްޔާ ބިނާ"ގެ ނަމުގައި ލަވައެއް ރެކޯޑުކޮށް ގެނެސްދީފައެވެ. މި ލަވައިގައި އާޝާއާ އެކު މާމަ ދަރިފުޅު ޒަނާއީ ވެސް ވަނީ ފެނިފައެވެ.

އާޝާގެ ދިގު މިއުޒިކީ ކެރިއަރުގައި މިހާތަނަށް 12،000އަށް ވުރެ ގިނަ ލަވަ އޭނާ ވަނީ ރެކޯޑުކޮށްފައެވެ. އާޝާއަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮއެވެ. މީގެ ހަތަރު އަހަރު ކުރިން ލަތާ ވަނީ މަރުވެފައެވެ.

comment ކޮމެންޓް