މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކޮށް، އެންމެ ގިނައިން ކްލިއާކުރި މުދަލުގެ ތެރޭގައި ބިހާއި، ފިޔާ އަދި ކަރާ ހިމެނޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ މި މަހުގެ 15 އިން 21ގެ ނިޔަލަށް ކްލީއާކުރި މުދަލުގެ ތަފާސްހިސާބަށް ބަލާއިރު އަވަހަށް ހަލާކުވާ ބާވަތްތަކުގެ (ޕެރިޝަބަލް) މުދަލުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކްލިއާކޮށްފައިވަނީ ބިހެވެ. އެގޮތުން 20,648 ކޭސް ބިސް މި މުއްދަތުގެ ތެރޭގައި ވަނީ ކްލިއާކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ކްލިއާކުރި ފިޔާގެ 18,576 ބަސްތާ ކްލިއާކޮށްފައިވާއިރު، ރޯދަމަހާ ދިމާކޮށް އާންމުކޮށް ބޭނުންކުރާ ކަރާގެ 9,871 ކޭސް ވަނީ ނެރެފައެވެ.
މީގެ އިތުރުން ގިނަ އަދަދަކަށް ކްލިއާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:
- އަލުވި: 6,926 ބަސްތާ
- ދޮންކެޔޮ: 3,927 ކޭސް
- އަލަނާސި: 3,666 ކޭސް
- ޓޮމާޓޯ: 3,550 ކޭސް
- ކޮޕީފަތް/ކެބެޖު: 2,825 ކޭސް
- ބަށި: 403 ކޭސް
- ފަޅޯ: 368 ކޭސް
މި ތަކެތީގެ އިތުރުން ވެސް އާންމު ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް މި މުއްދަތުގައި ވަނީ ބަނދަރުން ކްލިއާކޮށްފައެވެ. އޭގެ ތެރޭގައި މިރުސް، ކެރެޓް، ކިއުކަމްބާ، ބަރަބޯ، ލުނބޯ، އަދި ބަނބުކެޔޮ ފަދަ ބާވަތްތައް ހިމެނެއެވެ.
ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުތަކަށް ބޭނުންވާ ކާބޯތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި، މުދާ ކްލިއާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 15 އިން 21 އަށް މާލޭގެ ބަނދަރުން ޖުމްލަ 29,322 ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރެއިން 26,469.21 ފްރައިޓް ޓަނަކީ ކޮންޓޭނަރު އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ. އަދި ބާކީ 2,852.78 ފްރައިޓް ޓަނަކީ އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި މުދަލެވެ.
މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި ބަނދަރުގެ މުވައްޒަފުން ވަނީ ޖުމްލަ 1,380 ކޮންސައިންމަންޓެއްގެ މަސައްކަތް ނިންމާފައެވެ. މީގެ ތެރޭގައި ކޮންޓޭނަރު ބޯޓުފަހަރުން ބޭލި 946 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ބޭލި 434 ކޮންސައިންމަންޓް ހިމެނެއެވެ.