ޑޮލަރުގެ އަގު ދަށްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދި، މިދިޔަ އަހަރަކީ ފާއިތުވި 13 އަހަރު ތެރޭ މުދަލުގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރު ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު، މިދިޔަ އަހަރުގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސް ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުނު މިންވަރު ވަނީ 4.04 ޕަސެންޓަށް އަރައިފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުން ދައްކާ ގޮތުން، ފަހުގެ ތާރީޚެއްގައި ހަތަރު ޕަސެންޓަށް ވުރެ މަތީގައި އިންފްލޭޝަން ހުރީ 2012 ވަނަ އަހަރެވެ. އެ އަހަރު އިންފްލޭޝަން 10.9 ޕަސެންޓުގައި ހުރުމަށް ފަހު، ޖެހިގެން އައި އަހަރު އެ އަދަދު ވަނީ 3.8 ޕަސެންޓަށް ވެއްޓިފައެވެ. އަދި އޭގެ ފަހުން އިންފްލޭޝަން ތިން ޕަސެންޓަށް ވުރެ އިތުރުވީ މިދިޔަ އަހަރެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އަގު އެންމެ ބޮޑަށް އުފުލަނީ ދުންފަތާއި ދުފުމަށް ބޭނުންކުރާ ބާވަތްތަކުންނެވެ. އެ ތަކެތީގެ އަގު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 80 ޕަސެންޓް އުފުލިފައެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ، މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ.

ބާޒާރުމަތީގައި މީހަކު އެއްޗެހި އުފުލަނީ: މިދިޔަ އަހަރު ކާބޯތަކެތީގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް
އޮކްޓޯބަރު 31، 2024ގައި ގެނައި އެ ބަދަލާއެކު، 20 ސިނގިރޭޓް ހިމެނޭ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި ނަގަމުން އައި 60 ރުފިޔާ ވަނީ، 160 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެ ބަދަލާއެކު، ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ކުރިން 110 އަށް ލިބުނު ސިނގިރޭޓް ފޮށީގެ އަގު 250އަށް އެރިއެވެ.
ހަމަ އެ އަހަރުގެ ޑިސެމްބަރު 15ގައި ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނި ގޮތުގައި، ވޭޕް މަނާކުރުމުން ސިނގިރޭޓަށް އޮތް ޑިމާންޑު އިތުރުވިއެވެ. އެހެންވެ، އިމްޕޯޓް ޑިއުޓީއަށް އައި ބަދަލުގެ އިތުރުން، އެއީ ވެސް ދުންފަތުގެ ބާވަތްތަކުގެ އަގު އުފުލުނު ސަބަބަކަށްވި ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރު ކާބޯތަކެތީގެ އަގު ވަނީ 4.7 ޕަސެންޓު އުފުލިފައެވެ. އެގޮތުން އެންމެ އަގު ބޮޑުވެފައިވަނީ މޭވާއާއި މަހާއި ކައްކަން ބޭނުންކުރާ ތެލުގެ އިތުރުން، ކިރާއި ހަކުރާއި ޖޭމާއި މާމުޔާއި ޗޮކްލެޓް ފަދަ ފޮނި ތަކެތިންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި އެ ބަދަލުތައް އައި މައިގަނޑު ސަބަބަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ރުފިޔާގެ އަގު ދަށްވެ، ކާބޯތަކެތި އެތެރެ ކުރާ މީހުންނަށް ޑޮލަރު ހޯދުމުގައި ދަތިތައް ދިމާވުމެވެ.
އެ ރިޕޯޓުގައިވާ ގޮތުން މަހުގެ ބާވަތްތަކުން އެކަނިވެސް، އަގުވަނީ 7.56 ޕަސެންޓް އުފުލިފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ދުވަސްވަރު މަސް ނުބޭނި ދިޔުމަކީ، މަހުގެ އަގު އުފުލުނު ސަބަބެއްގެ ގޮތުގައި ބިއުރޯއިން ފާހަގަކުރިއެވެ.
މި ސަރުކާރުގެ އަމާޒަކީ ޑޮލަރުގެ ކަޅު ބާޒާރު އުވާލުން ކަމަށްވާއިރު، 2024 ވަނަ އަހަރުގެ މާރިޗު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް އޭރު ވިދާޅުވެފައެވެ.
އެހެންނަމަވެސް އޭގެ ފަހުން ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އާންމުކޮށް ހުންނަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވުމުން، އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ޑޮލަރުގެ އަގު އުފުލޭ ކޮންމެ ފަހަރަކު ތަކެތީގެ އަގަށް ވެސް އެ ބަދަލު އާދެއެވެ.
ދައުލަތުގެ ދަރަނި ވެސް ވަރަށް ބޮޑުވެފައިވާއިރު، މި ސަރުކާރުން ވަނީ ބޭރު ފައިސާ އެންމެ ގިނައިން ހޯދައިދޭ ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު މާރުކުރަން އަދަދުތައް ކަނޑައަޅައި، މިދިޔަ އަހަރު ތަންފީޒުކުރަން ފަށައިފައެވެ.
ރައީސް ވަނީ، އެފަދަ ފިޔަވަޅުތަކާއެކު މި ދައުރުގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަލަނީ، ޑޮލަރުގެ އަގު 2027 ނިމުމުގެ ކުރިން 15.42އަށް ދަށްކުރެވޭތޯ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.