ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ. އަދި، މުޅިން އެ ކަން ރަނގަޅުނުވާއިރު، މިއަދު ވެސް މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުން އަންނަ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ޚާއްސަކޮށް، އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މިއަދު ދުންފުހުގެ އަސަރު ކުރާކަން މެޓުން ފާހަގަކުރިއެވެ. މިގޮތުން، އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު ރިޕޯޓުކުރަމުން ދަނީ، ދެ ކިލޯމީޓަރަށް ވުރެ ދަށުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ބޮޑުވާނެތީ، ގިނަ ވަގުތު ބޭރުގައި ނޫޅުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
މިއަދު ވެސް ދުންފުހުގެ އަސަރު ކުރާއިރު، ވައި ސާފުމިން އަންގަދޭ އައިކިއުއެއާއިން ދައްކާ ގޮތުގައި، އުތުރުން ހދ. ކުޅުދުއްފުށީގައި ވައިގެ ސާފުމިން ހުރީ 147ގައި އޮރެންޖު ސަމާލުގައެވެ. އަދި، މާލޭގައި ވައިގެ ސާފު މިން ހުރީ 79ގައި ކަމަށްވާއިރު، ވިލިމާލޭގައި އެ އަދަދު ހުރީ 115ގައެވެ.
ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.