ރާއްޖޭގެ ކުދި ރަށްތަކުގައި ދުރާލައި މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމްކުރުމަށް ޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީން މިއަދު ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ދަ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު އަބްދުﷲ ވިދާޅުވީ، މި ޕްރޮޖެކްޓުގެ އިންސްޕެކްޝަން މަސައްކަތްތައް މީގެ ދެ މަހެއްހާ ދުވަސް ކުރިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކުދި ރަށްރަށުގައި މި ނިޒާމުތައް ޤާއިމްކުރުމަށް ބޭނުންވާ ސާވޭތައް ހެދުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު އަބްދުﷲ -- ފޮޓޯ: ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމްޖަދު ވިދާޅުވީ، ސިނާއީ އިންގިލާބަށްފަހު މޫސުމަށް އައިސްފައިވާ ބަދަލުތަކަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ކަމަށެވެ. މީގެ ސަބަބުން ފިނިހޫނުމިން އިތުރުވުމާއި، ވާރޭވެހޭ މިންވަރު ބަދަލުވުމާއި، ރަށްގިރުމުގެ އިތުރުން ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ވިއްސާރައިގެ ދުވަސްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަމްޖަދު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަހަކީ ރާއްޖެއަށް ވިއްސާރަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ. ސައިންސްގެ އަލީގައި ބަލާއިރު މި ވިއްސާރައިގައި ލިބޭނެ ގެއްލުންތައް ބޮޑުވާނެ ކަމަށް ބެލެވޭތީ، ރައްޔިތުން އިތުރު ދަތިތަކަކަށް ތައްޔާރުވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އާދެ ޕްރޮޖެކްޓްގެ މަސައްކަތް ދަނީ ފެށިގެން ކުރިއަށް. އިންސްޕެކްޝަން ވެސް މީގެ ދެމަހެއްހާ ދުވަސްކުރިން ނިމިއްޖެ. މިހާރު މިކުރަނީ ކުދި ރަށްރަށުގައި ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް. އެކަމަށް ސާވޭތައް ވެސް ދަނީ ހެދެމުން،" އަމްޖަދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތަފްސީލީ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށާއި، މިނިސްޓްރީގެ އަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދީ، މޫސުމީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.