ވެންޓިލޭޓަރުގައި އޮތީ ވެމްކޯގެ ޑްރައިވަރެއް، ކޮންޓެއިނަރަށް ވެއްޓުނީ ކައްސާލައިގެން

ވެމްކޯ މުވައްޒަފުންތަކެއް ކުނި ނެގުމުގެ މަސައްކަތުގައި-- ފޮޓޯ/ ވެމްކޯ

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައި ހިނގި ހާދިސާގައި އަނިޔާވީ ޑްރައިވަރަކަށް ކަމަށާއި ކޮންޓެއިނަރަށް ވެއްޓުނީ ކައްސާލައިގެން ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

މި ހާދިސާ އެންމެ ފުރަތަމަ ފެންމަތިވީ، ސޯޝަލްމީޑިއާގައި މީހަކު ފޮޓޯއަކާއެކު، އާންމުކުރި ޕޯސްޓަކުންނެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި، މީހަކު އޮތީ ފުން ކޮންޓެއިނަރަކަށް ވެއްޓިފައެވެ.

އެ ޕޯސްޓުގައި ބުނި ގޮތުގައި، އެ މީހާ ވެއްޓިފައި ވަނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރުއެވެ. ކޮންޓެއިނަރަށް އެ މީހާ ވެއްޓުނީ ވެމްކޯގެ ރޭމްޕު މަތިން ކަމަށް ޕޯސްޓްގައިވެއެވެ.

https://sun.mv/218331

އެ މައްސަލައިގައި ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައެވެ.

'ސަން'އިން ސުވާލުކުރުމުން ވެމްކޯއިން މިއަދު ބުނީ، ކޮންޓެނިއަރަށް ވެއްޓިފައި ވަނީ، އެ ކުންފުނީގެ ޑްރައިވަރެއް ކަމަށެވެ. އޭނާ ކޮންޓެއިނަރަށް ވެއްޓުނީ، ކުރަން ނުޖެހޭ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ކަމަށް ވެމްކޯއިން ބުންޏެވެ.

މިގޮތުން، އެ ހާދިސާ ހިނގިކަން އެނގުމާ އެކު، އިދާރާތަކަށް ރިޕޯޓުކުރުމާއި އަނިޔާވި މުވައްޒަފު ހޮސްޕިޓަލަށް ގެންގޮސްދީފައިވާނެކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ. އަދި، ހޮސްޕިޓަލުން މުވައްޒަފު ގެއަށް ދޫކޮށްލަންދެން ހުރިހާ ކަމެއް ބަލާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ގޮތް ސިއްރު ކުރުމަށް ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި މުވައްޒަފުންނަށް އަންގަމުން އަންނަ ކަމަށް އަންނަނީ ތުހުމަތުކުރެވެމުންނެވެ.

އެ ކަމާ ގުޅިގެން ވެމްކޯއިން ބުނީ، އެ ހާދިސާ ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ހުރިހާ އިދާރާއަކަށް ދޭން ޖެހޭ އެއްބާރުލުން ދެމުންދާނެ ކަމަށެވެ.

https://www.sun.mv/217461

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ. މި މައްސަލައިގައި އިހުމާލުގެ ތުހުމަތުގައި ވަނީ އެކްސްކެވޭޓަރު ދުއްވަންއިން ލަންކާ މީހާ ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް