ޓެލެވިޒަން ބަތަލާ ކްރިތިކާ ކަމްރާ އާއި ކްރިކެޓް ކޮމެންޓޭޓަރު އަދި ޓެލެވިޒަން ޕްރެޒެންޓަރު ގޯރަވް ކަޕޫރުގެ ކައިވެނި އަންނަ މަހު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދާދިފަހުން ކަށަވަރުކޮށްދިން ކްރިތިކާ އާއި ގޯރަވްގެ ކައިވެނި އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު މުމްބާއީގައި ގޯރަވް ދިރިއުޅޭ ގޭގައި ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންގެ އިތުރުން ވަރަށް ގާތް ރަހްމަތްތެރިން ކަމަށާއި މި ކައިވެނީގެ ކުޑަ ކުޑަ ހަފުލާ އަކީ ވަރަށް ޕްރައިވެޓް ހަފުލާއަކަށް ވާނެ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޓެލެވިޒަން ޑްރާމާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި ކްރިތިކާ އަކީ ބައެއް ފިލްމުތަކާއި ވެބް ސީރީސްތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. ބަތަލާގެ ލޯބިވެރިޔާ ގޯރަވް އަކީ ވެސް ކުރިން ބައެއް ޑްރާމާ ސީރީސްތަކުންނާއި ފިލްމުތަކުން ވެސް ފެނިފައިވާ ފަންނާނެކެވެ.

ބަތަލާ ކްރިތިކާ އަދި ޓެލެވިޒަން ޕްރެޒެންޓަރު ގޯރަވް ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު ދާދި ފަހަކާ ޖެހެންދެންވެސް އެ ގުޅުން ވަނީ ސިއްރުކޮށްފައެވެ.
ކްރިތިކާގެ މަގުބޫލު ވެބް ސީރީސްތަކުގެތެރޭ އެމެޒޯން ޕްރައިމްއިން ގެނެސްދިން "ތަންޑަވް" އަދި "ބަމްބައި މެރީ ޖާން" ހިމެނޭއިރު އޭނާ އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ކޮމެޑީ ޑްރާމާ "ދަ ގްރޭޓް ޝަމްސުއްދީން ފެމިލީ"ގެ ރޯލަކުންނެވެ. ކްރިތިކާ އަންނަނީ "މަޓްކާ ކިންގް"ގެ ނަމުގައި އުފައްދާ ވެބް ސީރީސްއެއްގައި މަސައްކަތް ކުރަމުންނެެވެ.