ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ ވަލުތެރޭ ހުންނަ ގަސްގަހާގެހި އެންދުން ހުއްޓާލަން ފިނޭ ކައުންސިލުން އަންގައިފި

ފިނޭގެ މަތިން ނަގާފައިވާ ފޮޓޯ އެއް: އެ ރަށުގެ ވަލުތެރޭ ހުންނަ ގަސްގަހާގެހި ކަނޑާ މައްސަލަ ވަނީ ބޮޑުވެފައި --- ފޮޓޯ ފޭސްބުކް

ހދ. ފިނޭގެ ވަލުތެރޭގައި ހުންނަ ބޮޑެތި ގަސްގަހާގެހި އަންދައި ކަނޑަމުންދާތީ އެކަން ނުކުރުމަށް، އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

ގާތްގަނޑަކަށް 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފިނޭގެ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ، އެ ރަށުގެ ވަލުތެރޭ ހުންނަ ބޮޑެތި ގަސްގަހާގެހި އަންދައި ކަނޑަމުންދާކަން ކައުންސިލަށް މިހާރަކަށް އައިސް ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.

ގަސްގަހާގެހި ކަނޑައި އެންދުމަކީ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އިތުރުވާނެ ކަމެއްކަމަށް ވެސް، ކައުންސިލުން ބުންޏެވެ.

"ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ." ކައުންސިލުން ބުންޏެވެ.

ފިނޭ ކައުންސިލުގެ ރައީސް ޢަދުނާން ޢަބްދުالله 'ސަން'އަށް މިއަދު ވިދާޅުވީ، އެ ރަށު ވަލުތެރޭގައި ހުންނަ ގަސްގަހާގެހި އަންދައި ކަނޑަމުންދާކަން ރަށު ކައުންސިލަށް ފާހަގަވެފައިވާތާ އަހަރެއްވެއްޖެ ކަމަށެވެ. ދޭތެރެއަކުން ފިނޭގެ ރައްޔިތުން ވަލުތެރޭގެ ގަސްގަހާގެހި އަންދައި، ކެނޑުމުގެ މަސައްކަތް ކުރާ ކަމަށް، ޢަދުނާން ވިދާޅުވިއެވެ.

"މިރަށަކީ ދަނޑުވެރި ރަށެއް، ފަތްކެޔޮ އިންދުމުގެ ބޭނުމުގަ މިކަން މި ކުރަނީ ވަލުތެރޭގައި، ކެޔޮ އިންދުމަށް ޓަކައި ކުރާ މަސައްކަތެއް އެއީ،" ޢަދުނާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަސްގަހާގެހި އަންދައި ކަނޑާ މައްސަލައިގައި ފިނޭގެ އެއްވެސް ރައްޔިތަކަށް ފިޔަވަޅު އަދި ނާޅާކަމަށާއި، ފިޔަވަޅު އެޅުމުގެ ބަދަލުގައި ކައުންސިލުން މަސައްކަތްކުރަނީ ރައްޔިތުންނަށް ނަސޭހަތްދީ އެކަން ހުއްޓުވުމަށް ކަމަށެވެ.

ތިލަދުންމަތީގެ ރަށްރަށުގެ ތެރެއިން ފިނޭއަށް އާންމުކޮށް އާމްދަނީ ލިބެނީ ދަނޑުވެރިކަމުންނެވެ. އެ ރަށުގެ ބޮޑު ސަރަހައްދެއް ދަނޑުވެރިކަމަށް ދޫކޮށްފައި އޮވެއެވެ.

comment ކޮމެންޓް