މާލޭ ސަރަހައްދުގައި އާންމުކޮށް ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ބަލައި، އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މާލޭ ސަރަހައްދުގައި ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ވޭތުވެދިޔަ ދެ ދުވަހު 423 ފަހަރު ބަލައި ފާސްކޮށްފައިވެއެވެ.
އެގޮތުން 96 މީހަކާ ސުވާލުކޮށް، 13 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ އެ ތަފާސްހިސާބުތަކުގައިވެއެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންމެ އުޅަނދެކެވެ.
ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަހައްދުތަކުގައި ފައިމަގުގައި ފުލުހުން ހަ ގަޑިއިރަށްވުރެ ގިނައިރު ޕެޓްރޯލްކުރި ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ، ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް އިއުލާނުކުރައްވައިފައެވެ. އެގޮތުން، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި، އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް އެމަނިކުފާނު މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ވިދާޅުވިއެވެ.
އެކަމަކު ގޭންގުތައް ހުއްޓުވުމަށް މިދިޔަ އަހަރު ރަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން، ގޭންގެއްގެ ގޮތުގައި ކަނޑައަޅަން އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ މިދިޔަ ޖަނަވަރީ މަހުގެ މެދުތެރޭ ހައިކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ އެ މަހުގެ ފަހުކޮޅު ވަނީ ބަލައިގެންފައެވެ.
އިއްޔެއަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި އޮތް ނަމަވެސް، އަޑުއެހުން ވަނީ ފަހުން ކެންސަލްކޮށްފައެވެ. އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރެއެވެ.