މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން އައްސޭރި ޖަލުގައި ސާޗް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ކަރެކްޝަންސްއިން އެކަން ހާމަކޮށް 'އެކްސް'ގައި ކުރި ޕޯސްޓުގައި ބުނީ ފުލުހުންނާ ގުޅިގެން އައްސޭރި ޖަލުގައި މިއަދު ސާޗްް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދާ ކަމަށެވެ.
ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އާއްމުގޮތެއްގައި ޖަލުތަކަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނެއް ނަމަވެސް ގަވައިދާ ޚިލާފަށް ޖަލުތަކުގައި އެކި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މަސްތުވާތަކެއްޗާއި، ފޯނާއި އެ ނޫން ވެސް ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާ މައްސަލަތައް ފެންމަތިވެއެވެ. އެގޮތުން ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވާކަން އެނގި، އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ފުލުހުން ހިންގި ތަހުގީގަކުން ހާމަވި މައްސަލައެއް 2024ގައި ފެންމަތިވިއެވެ. އޭރު އެ ޖަލު އޮފިސަރުންގެ ފޮޓޯއާއި ވަނަވަރު ވެސް ހާމަކުރިއެވެ. އަދި ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ.
މިކަންކަން ހައްލުކުރުމަށް މިދިޔަ އަހަރު ކަރެކްޝަނުން ވަނީ ޖަލުން ކުރާ ކޯލްތައް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް އެދިފައެވެ.
ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް، ޖޭމަރު ހަރުކުރުމުގެ ބަދަލުގައި ޖަލަށްދާ މީހުން ސްކޭންކުރަން މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، މި އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 22ގައި މާފުށީ ޖަލު ބަލައި، ފާސްކުރަން ވެސް އޮޕަރޭޝަނެއް ހިންގިއެވެ.