ފުވައްމުލަކުގެ ބަންޑާރަ ކިޅީގެ ބޯޑުވޯކްގެ ރެއިލިންތައް ހަލާކުކޮށް، ބައެއް ބައިތައް ޗަސްބިމުގެ ތެރެއަށް އުކާލައިފިއެވެ.
އިއްޔެ ފުވައްމުލަކު ކައުންސިލުން 'ފޭސްބުކް'ގައި އާންމުކުރި ވީޑިއޯއިން ފެންނަނީ އެ ސިޓީގެ ބަންޑާރަކިޅީގެ ވޯކްވޭ، ނުވަތަ ހިނގައިފައި ދިއުމަށް ޚާއްސަ ސަރަހައްދުގައި ހަރުކޮށްފައި ހުރި ރެއިލިންތަކަށް ބަޔަކު ގެއްލުންދީ، ޗަސްބިމަށް އުކާލާފައިވާ މަންޒަރެވެ.
އެ ވީޑިއޯއިން ފެންނަ މަންޒަރަށް ބަލާއިރު، ވޯކްވޭގެ އިތުރުން، މީހުން ހިޔާކޮށްލަން މަޑުކުރާ ސަރަހައްދުގައި ހަރުކޮށްފައިހުރި ރެއިލިންތައްވެސް ވަނީ ނައްޓާލައި، އުކައިލައިފައެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ، ތަކުރާރުކޮށް ބަންޑާރަކިޅިއަށް ގެއްލުންދިނުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

ބަޔަކު ފުވައްމުލަކުގެ ބަންޑާރަކިޅީގެ ރެއިލިންތައް ނައްޓާލައި އުކާލައިފަ --- ސްކްރީންޝޮޓް
ކައުންސިލުން ވަނީ، ބަންޑާރަކިޅިއަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ތަނަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
ބަންޑާރަކިޅިއަކީ ދިވެހީންނާއި ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ތަނެވެ.