މާލޭގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރުމަށް، 24 މިލިއަން ރުފިޔާއަށް ޖަޕާނު ކުންފުންޏަކަށް

މާލޭގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރުމަށް ޖަޕާނު ކުންފުންޏަކާ ހަވާލުކުރުން ---- ފޮޓޯ/ ހައުސިން މިނިސްޓްރީ

މާލޭގެ ފެން ހިންދާ ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޖަޕާނު ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި 'ޕްރޮޖެކްޓު ފޯ ޑިޒާސްޓާ އެންހޭސްމަންޓް އިން މާލެ އައިލެންޑް، ކޮންސްޓްރަކްޝަން ފޭސް' ހަވާލުކުރީ، ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަނާއެވެ.

މިދިޔަ އަންގާރަ ދުވަހު އެ މަޝްރޫއުގައި ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހަސަން ރަޝީދާއި ޖަޕާނު ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީއެވެ.

މި އެއްބަސްވުމުގެ ދަށުން، މާލޭގައި ގާއިމުކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓު ކުރުމަށް ހަރުކުރަން ޖެހޭ އާލަތްތައް ހަރުކުރުމާއި އެ ޕަމްޕުތައް މޮނިޓާ ކުރުމަށް ސެންޓްރަލައިޒްޑް މޮނިޓަރިން ސްޓޭޝަނެއް ގާއިމުކުރާނެއެވެ.

މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިން ވެހިކަލެއް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއު 487 ދުވަހުން ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލުކުރީ، 247 މިލިއަން ޖަޕަނީޒް ޔެން ނުވަތަ 24 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންޓަކަށް ހަމަޖައްސާފައި ވަނީ، ޖޮއިންޓް ވެންޗާ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއާ އިންޖިނިއަރިން ކޮމްޕެނީއެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެތައް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

https://sun.mv/203221

އެ މައްސަލަ ހައްލުކުރަން، މާލެ ސިޓީ ކައުންސިލުން ވަނީ "ގްލޯބަލް" ބްރޭންޑްގެ "6ޖީއެސްޓީ ސީ މޫވްމަން" މޮޑެލްގެ ދެ ޕަމްޕު މިދިޔަ މާޗު މަހުގެ ކުރީކޮޅު ގެނެސްފައެވެ. އެ ޕަމްޕުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރުކުރެވޭއިރު، އެ ދެ ޕަމްޕު މިހާރު ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީންނެވެ.

ސިޓީ ކައުންސިލުން އަންނަނީ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް