ވަކި ގަޑިތަކެއްގައި ބަރު އުޅަނދުތައް ނުދުއްވޭ ގޮތަށް ހަދަން އެބަ މަސައްކަތް ކުރަން: ސައީދު

މާލޭގެ މަގެއް ބާރުބޮޑުވެފައި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަކި ގަޑިތަކެއްގައި ބަރު އުޅަނދު ނުދުއްވޭ ގޮތަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ ކަން ކުރާނީ ވިޔަފާރި ކުރާ މީހުންނަށް ވެސް ބުރައެއް ނާންނަ ގޮތަށް ކަމަށެވެ.

އެގޮތުން، ބަރު އުޅަނދު ދުއްވުމުގައި ވަކި ގަޑިތަކެއް ކަނޑައަޅަން މިނިސްޓްރީން ވިޔަފާރިވެރިންނާއެކު މަޝްވަރާކުރާތާ ހަތަރު މަސް ވެއްޖެ ކަމަށާއި މަސައްކަތް ކުރަނީ ގިނަ ބަޔަކަށް ކަމުދާނެ ހައްލެއް ގެނައުމަށް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ބަރު އުޅަނދު ދުއްވޭ ވަކި ގަޑިތަކެއް ކަނޑައެޅުމުން ގޭހާއި ފެން އުފުލުމާ ގަޑިތަކަށް ބަދަލުތައް އައުމުން ދަތިތައް ދިމާވާކަން ސައީދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބާރުބޮޑުވާ ގަޑިތަކުގައި ސިނަމާލެ ބުރިޖުގައި ބަރު އުޅަނދުތައް ދުއްވުންމުން ޓްރެފިކް ބޮޑުވާ މައްސަލައަށް ހައްލެއް ގެނެންނަ ޖެހިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ލަފާކުރެއްވި ގޮތުގައި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ ބަރު އުޅަނދުތަކާ ބެހޭ ގަވައިދެއް ގެޒެޓުކުރާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އާންމުކޮށް ރޯދަ މަހު ބަރު އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައެވެ.

comment ކޮމެންޓް