ސިޓީ ކައުންސިލުން ފެން ހިންދުމަށް ދެ ޕަމްޕު ގެނެސްފި، މިނެޓަކު 11،356 ލީޓަރުގެ ފެން ހިންދޭ

މާލޭގައި ފެން ހިންދުމަށް ގެނައި ޕަމްޕު: ސިޓީ ކައުންސިލުން ފެން ހިންދުމަށް ގެނައި 2 ޕަމްޕު، ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް -- ފޮޓޯ/ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މާލޭގައި ފެން ހިންދުމަށްޓަކައި، މިނެޓަކު 11،356.24 ލީޓަރުގެ ފެން ހިންދޭ ދެ ޕަމްޕު ގެނެސްފިއެވެ.

ސިޓީ ކައުންސިލުން ވަނީ އެ ދެ ޕަމްޕު، ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމައިފައެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައި އެ ދެ ޕަމްޕު ބެހެއްޓުމަށް ނިންމާފައިވަނީ ފެބްރުއަރީ 28، 2025 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު ކައުންސިލްގެ ސީނިއާ ކައުންސިލް އެގްސެކެޓިވް އަބްދުލް މުހައިމިން ނަސީރު ސޮއިކުރައްވާ ޑިފެންސް މިނިސްޓްރީއަށް ސިޓީ އަކުން އެކަން އަންގާފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގައި ފެން ހިންދުމަށް ގެނެސްފައިވަނީ ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓުގެ ދެ ޕަމްޕެވެ.

ސިޓީ ކައުންސިލުން ބުނީ އެ ދެ ޕަންޕަކީ، ފެންގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕުތަކެއް ކަމަށެވެ. އަދި އެ ޕަމްޕުތަކުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މޫސުން ގޯސްވެ، އިއްޔެއާއި ހުކުރު ދުވަހު ވަނީ މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެއާއެކު ފެންހިންދުމަށް އެ ޕަމްޕުތައް ވަނީ ބޭނުންކޮށްފައެވެ.

ސިޓީ ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ދެ ޕަމްޕަކީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިހާރު އެ ދެ ޕަމްޕު ވަނީ މާލެ ގެނެވިފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ވަނީ މާލޭގައި ގާއިމްކޮށްފައިވާ ފެން ހިންދާ ނިޒާމުގެ އެހީގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ގޮންޖެހުތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެހެން ކަމުން ވިއްސާރަ މޫސުމެއްގައި ވާރޭ ވެހި، މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމު ރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާ ކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ފާހަގަކުރިއެވެ.

ސިޓީ ކައުންސިލުން ބުނީ ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއަކީ އަބަދުވެސް އެ ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާ ކަމަށެވެ.

comment ކޮމެންޓް