ދުނިޔެއާއި ހަނދާ ދެމެދުން 97,000 ރައްކާތެރި އޯބިޓް ހޯދައިފި

މި ދިރާސާގައި ދުނިޔެ އާއި ހަނދާއި ދެމެދު އެއް މިލިއަން ސެޓެލައިޓް އޯބިޓް ޓެސްޓް ކުރެވުނު ---

ދުނިޔެއާއި ހަނދާ ދެމެދުގައިވާ "ސިސްލޫނާ" ސަރަހައްދުގައި ސެޓެލައިޓް ބެހެއްޓިދާނެ 97,000 އަށްވުރެ ގިނަ ރައްކާތެރި އޯބިޓް ނުވަތަ ދައުރުވާ މަގު ހުރިކަން ލޯރެންސް ލިވަމޯ ނޭޝަނަލް ލެބޯޓްރީ (އެލްއެލްއެންއެލް) ގެ އާ ދިރާސާއަކުން ދައްކައިފިއެވެ.

ސުޕަ ކޮމްޕިއުޓަރުތައް ބޭނުންކޮށްގެން ހެދި މި ދިރާސާގައި، އެއް މިލިއަން ތިއޮރެޓިކަލް މަގު ޓެސްޓުކުރިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 9.7 އިންސައްތަ މަގަކީ ހަ އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެހިގެން ދެމިއޮތް ރައްކާތެރި މަގުތަކެއްކަން ވަނީ ކަށަވަރުވެފައެވެ.

މި ބޮޑު ދިރާސާ ފުރިހަމަކުރުމަށް 'ކުއާޓްޒް' އަދި 'ރޫބީ' ނަމަކަށް ކިޔާ ދެ ސުޕަ ކޮމްޕިއުޓަރު ބޭނުންކޮށްފައިވެއެވެ. އާދައިގެ ކޮމްޕިއުޓަރަކުން ނަމަ 182 އަހަރުން ނިންމޭނެ މި މަސައްކަތް، ޕެރަލަލް ޕްރޮސެސިންގްގެ އެހީގައި އެންމެ ތިން ދުވަސް ތެރޭގައި ވަނީ ނިންމާލާފައެވެ.

https://sun.mv/216181

ދިރާސާގެ އިސް ސައިންސްވެރިޔާ ޓްރެވިސް ޔޭގަރު ވިދާޅުވި ގޮތުގައި، މި ދިރާސާގައި ހޯދިފައިވާ އެއްވެސް މަގަކީ ކުރިން އެނގިފައިވާ މަގެއް ކަމަށް ބަލައިގެން ކުރިއަށް ނުދިއުމަށްޓަކައި، އެ ސަރަހައްދާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބަލައިގެން ހުރިހާ ފުރުޞަތުތަކެއް ވަނީ ބަލާފައެވެ.

ޔޭގަރު ވިދާޅުވި ގޮތުގައި މި ހޯދުމަކީ ޖައްވީ މިޝަންތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. ސަބަބަކީ ދުނިޔެއާ އެންމެ ކައިރި އޯބިޓްތައް (ލޯ އާތު އޯބިޓް) މިހާރު ސެޓެލައިޓްތަކުން ތޮއްޖެހި، އެކްސިޑެންޓްތައް ހިނގުމުގެ ބިރު އޮތުމެވެ.

މި ދިރާސާއިން ފާހަގަވި 97,000 މަގަކީ ކުރިމަގުގެ ސެޓެލައިޓްތަކަށް ލިބޭނެ ވަރަށް ބޮޑު ޖާގައެކެވެ. އަދި ޓެސްޓުކުރި މަގުތަކުގެ ތެރެއިން ރައްކާތެރި ނޫން (އަންސްޓޭބަލް) މަގުތަކުގެ މައުލޫމާތަކީ ވެސް ޖައްވީ ދަތުރުފަތުރުގައި ސައިންސްވެރިންނަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔެއާ އެންމެ ކައިރި އޯބިޓްތައް ނުވަތަ "ލޯ އާތު އޯބިޓް" (އެލްއީއޯ) އަކީ މިހާރުވެސް އެތައް ހާސް ސެޓެލައިޓަކުން ފުރި، ތޮއްޖެހިފައިވާ ސަރަހައްދެކެވެ. ސައިންސްވެރިން އިންޒާރުދޭ ގޮތުގައި މި ސަރަހައްދުގައި ސެޓެލައިޓްތަކުގެ އަދަދު އެއްލައްކައަށް ވުރެ އިތުރުވެއްޖެނަމަ، އެކަތި އަނެކައްޗާ މުޑިއަރައި، އޭގެ ސަބަބުން އުފެދޭ ކުނިބުނިތަކުން މުޅި ސަރަހައްދު ބޭނުންނުކުރެވޭ ވަރަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.

މިހެންކަމުން، ކުރިމަގުގައި ހަނދަށް ކުރާ ދަތުރުތަކަށާއި މުވާސަލާތީ ޚިދުމަތްތަކަށް ދުނިޔެއާއި ހަނދާ ދެމެދު އޮންނަ "ސިސްލޫނާ" ސަރަހައްދު ބޭނުންކުރުން ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް، ހަނދާއި ދުނިޔޭގެ ދަމާބާރު ނުވަތަ ގްރެވިޓީއަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ސަރަހައްދުގައި ސެޓެލައިޓެއް އެއް ހަމައެއްގައި ހިފަހައްޓާލުމަކީ ސައިންސްވެރިންނަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

comment ކޮމެންޓް