ޖައްވީ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، ސްޓާލިންކްގެ ސެޓެލައިޓްތައް ދަތުރުކުރާ އުސްމިން (އޯބިޓް) ތިރިކުރުމަށް ސްޕޭސްއެކްސް އިން ނިންމައިފިއެވެ.
ސްޕޭސްއެކްސްގެ ސްޓާލިންކް އިންޖިނިއަރިންގެ ނައިބު ރައީސް މައިކަލް ނިކޮލްސް ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ގެންގުޅޭ ސެޓެލައިޓްތަކުގެ ތެރެއިން 550 ކިލޯމީޓަރު މަތިން ދަތުރުކުރަމުންދާ ހުރިހާ ސެޓެލައިޓެއް 480 ކިލޯމީޓަރަށް ތިރިކުރުމުގެ މަސައްކަތް ފަށާނެއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައި މިވަނީ، ޖައްވުގެ ތެރޭގައި އެހެން އެއްޗެހީގައި ޖެހި އެކްސިޑެންޓްވުމުގެ ފުރުސަތު ކުޑަކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ނިކޮލްސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، 500 ކިލޯމީޓަރަށްވުރެ ތިރީގައި އެހެން ސެޓެލައިޓްތަކާއި ޖައްވީ ކުނި (ޑެބްރީ) ނިސްބަތުން މަދެވެ. އެހެންކަމުން ސެޓެލައިޓްތައް ތިރިކުރުމުން އެހެން އެއްޗެއްގައި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މި ފިޔަވަޅު އަޅަން ނިންމާފައިމިވަނީ، މިދިޔަ ޑިސެމްބަރު މަހު ސްޓާލިންކްގެ ސެޓެލައިޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން، އޭގެން މުވާސަލާތީ ގުޅުން ކެނޑި، އޭގެ ކުދި ބައިތަކެއް (ޑެބްރީ) ޖައްވުގެ ތެރެއަށް ބުރައިގެން ދިއުމުގެ ހާދިސާއަކަށް ފަހުގައެވެ. އެ ހާދިސާގައި ސެޓެލައިޓް ކުއްލިއަކަށް ހަތަރު ކިލޯމީޓަރު ތިރިއަށް ވެއްޓުނު ކަމަށާއި، ބެލެވޭ ގޮތުގައި އެއީ ސެޓެލައިޓް ގޮވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޕޭސްއެކްސް އިން ވަނީ ގާތްގަނޑަކަށް 10،000 އެއްހާ ސެޓެލައިޓް ޖައްވަށް ފޮނުވާފައެވެ. އަދި ސްޕޭސްއެކްސް އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސެޓެލައިޓް އޮޕަރޭޓަރެވެ.
ސްޓާލިންކަކީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ބިޔަ ސެޓެލައިޓް ނެޓްވޯކެކެވެ.
ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ޖައްވުގެ ތިރީ ފަށަލަ (ލޯ އާތު އޯބިޓް) ގައި ދައުރުކުރާ ސެޓެލައިޓްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، މިއީ ޖައްވީ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެ، ސެޓެލައިޓްތައް އެކަތި އަނެކަތީގައި ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމެކެވެ. ޚާއްސަކޮށް، ބޭނުން ނުކުރެވޭ ހާލަތަށް ދާ ސެޓެލައިޓްތަކާއި އޭގެ ބައިތައް ނުވަތަ 'ސްޕޭސް ޑެބްރީ' ގިނަވުމަކީ ސައިންސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.
ސްޓާލިންކްގެ ސެޓެލައިޓްތައް މިހާރަށްވުރެ ތިރީ އޯބިޓަކަށް (480 ކިލޯމީޓަރަށް) ބަދަލުކުރުމުން، އެ ސެޓެލައިޓްތަކުގެ އުމުރު ހަމަވުމުން ނުވަތަ މައްސަލައެއް ޖެހުމުން، ދުނިޔޭގެ ބިމަށްދަމާ ބާރު (ގްރެވިޓީން) ދަމައިގަނެ، ވައިގެ ފަށަލައިގެ ތެރެއަށް ވެއްޓި އަނދައިގެން ދިއުން އަވަސްވެގެންދާނެއެވެ.
މިއީ ދެމެހެއްޓެނިިވި ގޮތެއްގައި ޖައްވު ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.