ރަންވީރާއި ފަރުހާންއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރަން މެދުވެރިއަކަށް އާމިރު

އާމިރު ޚާން އަދި ރަންވީރު ސިންގް--ފޮޓޯ/ފިލްމުފެއަ

ފިލްމު "ޑޮން 3"ގެ ކާސްޓުން ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ވަކިވުމާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަހްތަރާ އެކު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން އެ މައްސަލަ ހައްލު ކުރުމަށް އެކްޓަރު އާމިރު ޚާން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރަންވީރާއި ފަރުހާންއާ ދެމެދު އޮތް ދުވަސްވީ އެކުވެރިކަމުގެ ގުޅުން ގޯސްވީ "ޑޮން 3" ދޫކޮށްލުމާ ގުޅިގެން ފަރުހާންގެ އެކްސެލް އެންޓަޓެއިންމަންޓްއިން ބަދަލުގެ ގޮތުގައި 40 ކްރޯޑު ރުޕީސް ހޯދަން ރަންވީރަށް އެންގި ހިސާބުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންވީރާއި ފަރުހާންގެ މެދުގައި ޖެހުނު މައްސަލައަށް ހައްލެއް ހޯދުމަށް އާމިރު ވަނީ ދެ މީހުންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވަން ނިންމާފައެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންދަން ނިންމާފައި ވަނީ އާމިރު މުމްބާއީގައި ދިރިއުޅޭ ގޭގައި ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ފަރުހާން، އާމިރު ޚާން އަދި ރަންވީރު ސިންގް--ފޮޓޯ/ފިލްމުފެއަ

މީގެއިތުރުން އިތުރުން ކަރަން ޖޯހަރު، ސާޖިދު ނަދިއަދުވާލާ، އެކްތާ ކަޕޫރު، ޒޯޔާ އަހްތަރު އަދި ރިތޭޝް ސިދުވާނީ އަދި ޕުނީތު ގޮއެންކާއާ އެކުވެސް އާމިރު ދާދިފަހުން ބައްދަލުވުންތަކެއް ބާއްވާފައިވާއިރު އެއީ ސީދާ ރަންވީރާ އާއި ފަރުހާންގެ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންވީރު ފިލްމު "ޑޮން 3" ދޫކޮށްލީ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހުމުންނެވެ. ފިލްމު "ޑޮން " 2023ގައި އިއުލާނުކޮށް ފިލްމުގެ ލީޑް ރޯލްއިން ރަންވީރު ސިންގް ފެންނާނެކަމަށް ބުނުމާ އެކު ވަރަށް ގިނަބަޔަކު ދިޔައީ މި ފިލްމު ރިލީޒްވާނެ ތާރީޚަކަށް އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް ރަންވީރު ފިލްމުން ވަކިވުމާ ގުޅިގެން ފިލްމުގެ ލީޑް ރޯލަށް މުޅިންއާ ތަރިއަކު ހޯދުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފަރުހާން ވަނީ "ޑޮން 3"ގެ މަސައްކަތް އިހަށް މަޑުޖައްސާލުމަށްފަހު އޭނާގެ ޑްރީމް ޕްރޮޖެކްޓް "ޖީ ލޭ ޒަރާ"ގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައެވެ.

comment ކޮމެންޓް