ފިލްމު '3 އިޑިއަޓްސް'ގެ ސީކުއަލްއަށް ވިކީ؟

ފިލްމު "3 އިޑިއަޓްސް"ގެ ޕޯސްޓަރެއް އަދި އެކްޓަރު ވިކީ ކޯޝަލް--ފޮޓޯ/އެމްއެސްއެން

ރާޖްކުމާރު ހިރާނީގެ މަޝްހޫރު ފިލްމު "3 އިޑިއަޓްސް"ގެ ސީކުއަލްއިން އާމިރު ޚާންއާއެކު ފެނިގެންދާ "ހަތަރުވަނަ އިޑިއަޓް"ގެ ރޯލަށް އެކްޓަރު ވިކީ ކޯޝަލް ގެނައުމުގެ މަޝްވަރާކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ 'ޕިންކްވިލާ'އިން އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފައިވާ ގޮތުގައި، 2009 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "3 އިޑިއަޓްސް"ގެ ދެވަނަ ބައި "4 އިޑިއަޓްސް"ގައި ހަތަރުވަނަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ވިކީ ކޯޝަލްއާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

ފިލްމު "3 އިޑިއަޓްސް"ގެ ސީކުއަލްއިން އާމިރު ޚާން، އާރް. މާދަވަން އަދި ޝަރުމަން ޖޯޝީ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ފިލްމާ ގުޅޭގޮތުން ވިކީ އާއި އާމިރު އަދި ހިރާނީއާ ދެމެދު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގައި، ފިލްމުގެ ރޯލު ކުޅުމަށް ވިކީ ދަނީ ދެބަސްވުމެއް ނެތި ރުހުން ދެމުން ކަމަށް ޕިންކްވިލާއިން ބުނެއެވެ.

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "ޑަންކީ"ގެ މަންޒަރެއްގައި ވިކީ ކޯޝަލް--ފޮޓޯ/ބޮލީވުޑްހަންގާމާ

"ވިކީ އާއި އާމިރު އަދި ހިރާނީއާ ދެމެދު ބޭއްވި ބައްދަލުވުންތަކަށްފަހު، ހަތަރުވަނަ އިޑިއަޓްގެ ރޯލު ކުޅުމަށް ވިކީ ވަނީ އަނގަބަހުން އެއްބަސްވެފައި. ނަމަވެސް، ފިލްމުގެ މަސައްކަތް ފެށޭނީ ހުރިހާ ތަރިންގެ ވަގުތުތައް ދިމާވާ ގޮތަކުން،" ޕިކްވިލާގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މީގެ ކުރިން ހިރާނީގެ "ސަންޖޫ" އަދި "ޑަންކީ"ގައި މަސައްކަތްކޮށްފައިވާ ވިކީ، މި ފިލްމުގެ ސްކްރިޕްޓަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށްވެއެވެ. އާމިރު ޚާން ފަދަ ތަޖުރިބާހުރި އެކްޓަރަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތަކީ ކޮންމެ އެކްޓަރަކަށް ވެސް ލިބޭނެ ރަނުގެ ފުރުސަތެއް ކަމުން ވިކީ ހުރީ މި ފުރުސަތު ދޫކޮށްލުމުގެ ވިސްނުމެއްގައި ނޫން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "4 އިޑިއަޓްސް"ގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ ހިރާނީ އާއި އޭނާއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަބީޖާތު ޖޯޝީއެވެ. މި ފިލްމުގެ މަސައްކަތް މި އަންނަ އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނައިރު އާމިރު ޚާން ވެސް ވަނީ މި ޕްރޮޖެކްޓް ކުރިއަށްދާކަން ކަށަވަރުކޮށްދީފައެވެ. އާމިރު ތަންކޮޅެއް ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކިޔައިދިން ގޮތުގައި ފިލްމުގެ ވާހަކަ ކުރިއަށްދާނީ ފުރަތަމަ ބައި ނިމުނުތާ 10 އަހަރު ފަހުގެ ދިރިއުޅުމެއްގެ ގޮތުގައެވެ.

މީގެ އިތުރުން، މި ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އާމިރު އެހެން ފިލްމެއްގެ މަސައްކަތް ނިންމާނެ ކަމަށް ބެލެވެއެވެ. ވިކީ ކޯޝަލް ވެސް މި ފިލްމާ ގުޅުމުގެ ކުރިން އޭނާގެ ކުރިއަށް އޮތް ފިލްމު "މަހާވަތާރު"ގެ މަސައްކަތް ނިންމާލާނެއެވެ.

ރާޖްކުމާރު ހިރާނީ ލިޔެ ޑައިރެކްޓްކޮށް، ވިދޫ ވިނޯދު ޗޯޕްޅާ އުފެއްދި "3 އިޑިއަޓްސް" އަކީ އިންޑިއާގެ ސިނަމާގައި އުފެއްދި އެންމެ ކާމިޔާބު އަދި މަގުބޫލު އެއް ފިލްމެވެ. މި ފިލްމުގެ މައިގަނޑު ރޯލުތަކުން ކަރީނާ ކަޕޫރު، ބޯމަން އިރާނީ، މޯނާ ސިންގް އަދި އޯމީ ވައިދިއާ ވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް