މީގެ ހަފުތާއެއް ކުރިން ގެއިން ނުކުމެގެން ދިޔަ ޒުވާނާ ހޯދަން އިއުލާނުކުރިތާ 24 ގަޑިއިރުތެރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ ކަމަށް، ފުލުހުން މިރޭ ބުނެފިއެވެ.
ހަފުތާއެއް ކުރިން ގެއްލިގެން ހޯދަން ފުލުހުން ފެށީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. ފުލުހުން އެކަން ހާމަކުރީ ރޭ 8:40 ގައެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ރޭ ބުނީ، އިމްތިޔާޒް އޭނާގެ ގޭގައި އުޅެނިކޮށް އެންމެ ފަހުން ފެނުނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
އެކަމަކު އެދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:15 ހާއިރު އާއިލާއިން ރިޕޯޓުކުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ ބުނީ، އިމްތިޔާޒް މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މިހެން މީހުން ގެއްލިގެން ދޭތެރެދޭތެރެއިން ފުލުހުން އިއުލާން ކުރެއެވެ. އިއުލާން ކުރާތާ މާ ގިނައިރުތަކެއް ނުވެ އެ މީހަކު ފެނުމަކީ އާއްމު ކަމެކެވެ.