އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރުފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފާހަގަކޮށްފިއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އެއާ އިންޑިއާއަކީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިންއެވެ.
އެ އެއާލައިނުން ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއިން ވޯޓާ ސެލިއުޓް ދެނީ -- ފޮޓޯ: އެމްއޭސީއެލް
މިއަދުގެ ފްލައިޓުން ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމާ ވަނީ ހަދިޔާކޮށްފައެވެ.
މިއީ އެއާ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭއިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެއާ އިންޑިއާގެ ފްލައިޓް ވީއައިއޭއަށް އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފިނިފެން މާ ބެހުމުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް
އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.
އިންޑިއާއަކީ ރައްޖެއަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އަންނަ ގައުމެކެވެ. ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭ އިންޑިއާ ހިމެނެއެވެ.