އިންޑިއާ ރުޕީސްގެ އަގު އަނެއްކާވެސް ވެއްޓުމުގެ ބިރު ބޮޑުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާގެ ސެންޓްރަލް ބޭންކް (ފެޑަރަލް ރިޒާވް) އިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފާނެ ކަމަށް ބެލެވޭތީ، މި ހަފުތާގައި އިންޑިއާގެ ފައިސާ ކަމަށްވާ ރުޕީސްގެ އަގު އިތުރަށް ދަށްވެ، ޕްރެޝަރާ ކުރިމަތިލާން ޖެހިދާނެ ކަމަށް މާލީ މާހިރުން ބުނެފިއެވެ.

ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިމިދިޔަ ހަފުތާގައި އިންޑިއާ ރުޕީސްގެ އަގު ވަނީ އެމެރިކާ ޑޮލަރަކަށް 95.3775 ގައި ހިފެހެއްޓި، 0.2 އިންސައްތައިގެ ކުޑަ ކުރިއެރުމެއް ހޯދާފައެވެ.

ނަމަވެސް، ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، ރުޕީސްގެ އަގު މާ ބޮޑަށް ވެއްޓުނަނުދީ ހިފެހެއްޓެނީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބާޒާރަށްވަދެ، އަޅަމުންދާ އިންޓަވެންޝަން ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އަނެއްކޮޅުން އިމްޕޯޓަރުން ކުރިއަށް އޮތް ތަނުގައި ޑޮލަރުން ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމަށް ޑޮލަރު ގަންނަ މިންވަރު އިތުރުވުމަކީ ރުޕީސް މާ ބޮޑަށް ވަރުގަދަވުމަށް އޮތް ހުރަހެކެވެ.

އިންޑިއާގެ އިގުތިސާދީ ދުވެލި ވަރުގަދަވަމުން އަންނަނަމަ، ސަރުކާރުގެ ބޮންޑުތައް ވިއްކާލުން އިތުރުވެ، ބޮންޑު މާކެޓަށް ވެސް އިތުރު ލޮޅުންތަކެއް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ރޮއިޓާޒްގައިވާ ގޮތުން މެކްލައި ފައިނޭންޝަލްގެ ވައިސް ޕްރެޒިޑެންޓް ކުނާލް ކުރާނީ ވިދާޅުވި ގޮތުގައި، ރުޕީސްގެ މިސްރާބު ހުރީ ބަލިކަށިވުމާ ދިމާއަށެވެ. އަދި އާރުބީއައި އިން ދޫދެންދެން ރުޕީސްގެ އަގަށް މާ ބޮޑެތި ބަދަލުތަކެއް ނައިސް ވަކި ވަރެއްގައި ހިފެހެއްޓިފައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަފުތާގައި އިންޑިއާގެ ފައިސާއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެނީ، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ޓަކައި އެމެރިކާގެ ފެޑެރަލް ރިޒާވްއިން އަންނަ ސެޕްޓެމްބަރު 15-16 ގައި ބާއްވާ ބައްދަލުވުމުގައި އިންޓްރެސްޓް ރޭޓް އަނެއްކާވެސް ބޮޑުކޮށްފާނެ ކަމުގެ އިޝާރާތެއް އެ ބޭންކުގެ ޗެއާ ކެވިން ވޯޝް ދެއްވާފައި ވާތީއެވެ.

މީގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ޑޮލަރު ވަރުގަދަވެ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފައިސާއަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް