ފައުޒިއްޔާ ނެތަސް، އެ ހަނދާންތައް ވަތްކެއް ނުވޭ!

ލިޔުނީ: އަޙްމަދު ޝާން، މުޙައްމަދު ދާއިން ޢަލީ

އެއީ ނަވާރަސަތޭކަ ސާޅީހުގެ ފަހުކޮޅެވެ. އެ ދުވަސްވަރު އަންހެނުންނަކީ ހަމައެކަނި ގޭތެރޭގެ މަސައްކަތަށް ޚާއްސަ ބައެއްގެ ގޮތުގައި މުޖުތަމައު ދެކެމުން ދިޔަ ނަމަވެސް ޅައުމުރުގެ ފައުޒިއްޔާ ޙަސަންގެ ހުވަފެންތައް އަމާޒު ވެފައިހުރީ އޭނާގެ ވަށައިގެން ފެންނަމުން ދިޔަ އާދައިގެ ކަންކަމާ މުޅިން ތަފާތު ދުނިޔެއަކާ ދިމާއަށެވެ. އެއީ ސިލްވާ ސްކްރީނަށެވެ. އުމުރުން އެންމެ ހަތް އަހަރުގައި ވެސް އޭނާ ދިޔައީ ސިލްވާ ސްކްރީންގެ ޖައްވުގައި ވިދާ ބަބުޅާ ތަރިތަކުގެ ތެރޭގައި ފިޔަޖަހާ އަލިގަދަ ތަރިއަކަށްވުމުގެ ހުވަފެންތައް ދެކެމުންނެވެ.

އޭނާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރަން ޖެހުނު މަސައްކަތް ބޮޑުކަމާއެކު، ކުރިމަތިވި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، ހުރަސްތައް ގިރާކުރަމުން އައިސް އޭނާ ޒުވާން އުމުރަށް އެޅިއިރު އަމިއްލައަށް ހެދުން ފަހަން ދަސްކުރިއެވެ. މިއީ އެ ޒަމާނުގައި އާދައިގެ ކަމެއްގެ ގޮތުގައި މުޖުތަމައު ދުށް ކަމެއް ނަމަވެސް ފައުޒިއްޔާގެ އެ ކާމިޔާބީއަކީ ވެސް އޭނާގެ ކިބައިގައި ހުރި އަމިއްލައަށް ކަންކަމާ ކުރިމަތިލައި ކާމިޔާބު ކުރުމުގެ ގާބިލުކަމާއި، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ އަޒުމް ރަމްޒުކޮށްދިން ނިޝާނެކެވެ.

ހަމައެއާއެކު އެ ކާމިޔާބީ ވެގެން ދިޔައީ ދިވެހި ސިނަމާގައި އެންމެ ދިގު މުއްދަތަކަށް ދެމިހުރި އަދި އެންމެ މަގުބޫލު އެއް ބަތަލާއަށް އޭނާ ވެގެން ދިޔަ ދަތުރުގެ ވެސް ފެށުމަށެވެ.

ފުރާވަރު އުމުރުގައި، މަދަރުސީ ތައުލީމު ނިންމާލުމަށްފަހު ފައުޒިއްޔާ ދެން ކިޔަވަން ދިޔައީ ސްރީލަންކާގެ ޕޮލިޓެކްނިކަށެވެ. އޭގެފަހުން 1957 ވަނަ އަހަރު، ދިވެހިރާއްޖޭގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކްލާކެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރިއެވެ. އޭގެ ފަހުން، ނޭޝަނަލް ފިލްމް ސެންސަރު ބޯޑު އޮފް މޯލްޑިވްސްގެ ސެންސަރު އޮފިސަރެއްގެ ގޮތުގައިވެސް ފައުޒިއްޔާ މަސައްކަތް ކުރިއެވެ. އެ ވަޒީފާވީ ޅައުމުރުއްސުރެ ފައުޒިއްޔާ ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަޖެހުމާ ގާތަށް ދެވުނު ފުރުސަތަކަށެވެ. ފިލްމީ ދުނިޔެއާ އޭނާ ގާތްކޮށްދިން ވަޒީފާއަކަށެވެ.

ޅައުމުރުއްސުރެ ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށްވެ ފުރަތަމަ ފަހަރަށް ބަތަލާއެއްގެ ގޮތުގައި ފައުޒިއްޔާ ފެނިގެން ދިޔައީ ޒުވާން އުމުރުވެސް ފަހަނަޅާގޮސް އޭނާގެ މެދުއުމުރަށް އެޅިފަހުން 1985 ވަނަ އަހަރު އޭނާގެ އުމުރުން 43އަހަރުގައި ދިވެހި ފިލްމު "ސިދާ" އިންނެވެ. އާންމު ނަޒަރުން ބަލާއިރު އެއީ އެފަދަ މަސައްކަތަކަށް ކުރިމަތިލާން މާ ދޮށީ އުމުރެއް ނަމަވެސް، އުމުރަށް ބެލުމެއްނެތި ފައުޒިއްޔާ ފަސްނުޖެހި ކުރިމަތިލީ އެއީ ހަމަ އެންމެ ރަނގަޅު ދަނޑިވަޅު ކަމުގައި ދެކިގެންނެވެ.

ލިބުނު ފުރުސަތުގައި އޭނާ ދައްކުވައިދެމުން ދިޔަ ހުނަރު ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިލްމު އުފައްދާ ފަރާތްތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އާދައިގެ ކްލާކެއްގެ މަގާމުން ސިލްވާ ސްކްރީނުގެ ބަތަލާއަކަށް އޭނާ ކުރި ދަތުރަކީ، އުމުރާއި ނަސަބަށް ބެލުމެއް ނެތި، ހިތްވަރާއި، އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަމާއި، ހުވަފެންތަކުގައި ކުލަޖެއްސުމަށް ފަސްނުޖެހި ކުރި ގަދަ ހިތްވަރާއި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

ފުރަތަމަ ފިލްމަށްފަހު، ފައުޒިއްޔާ ޙަސަން ވެގެން ދިޔައީ ދިވެހި ފިލްމާއި ޓެލެވިޜަންގެ ދުނިޔޭގައި އިތުބާރު ހިފޭ އަދި ގަދަރު ލިބިފައިވާ ޝަޚުސިއްޔަތަކަށެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެކި ވައްތަރުގެ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ލޯބީގެ ޑްރާމާތަކުން ފެށިގެން ބިރުވެރި ފިލްމުތަކާއި، އިޖުތިމާޢީ މައްސަލަތަކަށް ބިނާކޮށްފައިވާ ފިލްމްތަކާއި ޑްރާމާތައް ވެސް ހިމެނެއެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު، އޭނާ ވަނީ ބިރުވެރި ފިލްމުތަކުން ބެލުންތެރިންގެ ސަމާލުކަށް ހޯދާފައެވެ. މިއީ އޭނާ އަލަށް ކުރި ތަޖުރިބާއެއް ނަމަވެސް، އެ ބަދަލު ސިފަކުރެވެނީ އޭނާ ކުރިއަށް އެޅި ހިތްވަރު ގަދަ ފިޔަވަޅެއްގެ ގޮތުގައެވެ. އެކަމުން ދައްކުވައިދިނީ އޭނާއަކީ ކޮންމެ އިހުސާސެއް ދައްކައިދޭން ޖެހުނަސް ޖެހިލުން ނުވާނެ ހުނަރުވެރި ފަންނާނެއް ކަމެވެ.

ދެހާސް ހަވަނަ އަހަރުގެ 'ވާލޯބި އެނގޭނަމަ' ފިލްމުގައި ފައުޒިއްޔާ އަދާކުރި އޯގާތެރި ލޯބިވެތި މަންމައެއްގެ ބައި ވެގެން ދިޔައީ އޭނާގެ ފިލްމީ ހަޔާތުގައި އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔަ އެއް ރޯލަށެވެ. މި ރޯލު ވީ ބެލުންތެރިންގެ ހިތްތަކުން ވަރަށް މަތިވެރި ޖާގައެއް ލިބުނު ރޯލަކަށެވެ. އެއާއެކު 2008 ވަނަ އަހަރުގެ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމަށް އޭނާ ނޮމިނޭޓްވިއެވެ.

އޭގެ ފަހުން ދެން އައި އަހަރުތަކުގައި ވެސް ފައުޒިއްޔާ ވަނީ ގިނަ ބައެއްގެ ހިތްތަކުގައި ބިންވަޅު ނެގޭނެ ފަދަ އެކްޓިންތައް ދައްކާލައިފައެވެ. ލޯތްބަށްޓަކައި، ކަރުނަވީ ބޭވަފާ، ޖިންނި އަދި ވަކިނުވިނަމަ ފަދަ ކޮންމެ ފިލްމެއްގައި ކުޅުނު ކޮންމެ ރޯލަކީ ވެސް އޭނާގެ ފިލްމީ ހަޔާތަށް ވިދުމާ ބެބުޅުން ގެނެސްދިން ރޯލުތަކެވެ. ފިލްމެއްގައި އަދާކުރާ ރޯލެއްގައި ދައްކުވައިދޭން ޖެހުނު ކޮންމެ އިހުސާސެއް ފައުޒިއްޔާ ދައްކުވައިދިނީ އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަން ސާބިތުކޮށްދެމުންނެވެ.

ފައުޒިއްޔާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގައިވެސް ހިތި ތަޖުރިބާތަކެއްކޮށް ހިތްދަތި ކަންތައްތަކެއް ތަހައްމަލު ކޮށްފައެވެ. އެގޮތުން 1994 ވަނަ އަހަރު، އިންޑިއާގެ ފުލުހުން އޭނާއާއި އޭނާގެ ރަޙުމަތްތެރިއަކު ހައްޔަރުކުރިއެވެ. މިއީ އައިއެސްއާރްއޯ (ISRO) ގެ ޖާސޫސީ މައްސަލައެއްގެ ގޮތުގައި މަޝްހޫރުވި ހާދިސާއެކެވެ. ފައުޒިއްޔާގެ މައްޗަށް ކުރެވުނީ ދިފާޢީ ސިއްރު މަޢުލޫމާތެއް އެހެން ގައުމަކަށް ފޯރުކޮށްދިނުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތެވެ. ފައުޒިއްޔާގެ އަމިއްލަ ބަޔާނުން ހާމަވާ ގޮތުގައި، އޭނާއަށް ބިރުދެއްކުމުގެ ނުރައްކާތެރި އަމަލުތައް އެ މައްސަލަ ތަހުގީގުކުރި ފަރާތްތަކުން ވަނީ ހިންގާފައެވެ. އޭނާ ބުނި ގޮތުގައި، އެމީހުން އޭނާގެ އޭރުގެ 14 އަހަރުގެ އަންހެން ދަރިފުޅު އޭނާގެ ކުރިމައްޗަށް ގެނެސް، ޖިންސީ އަނިޔާގެ ބިރު ދައްކައިގެން އޭނާގެ ކިބައިން ކުށަށް އިއުތިރާފުވުމަށް މަޖުބޫރުކުރަން މަސައްކަތްކުރިއެވެ.

ފައުޒިއްޔާގެ މައްޗަށް އުފުލި ޖާސޫސްކުރި ކަމުގެ ދައުވާތައް ސާބިތު ނުކުރެވުނު ނަމަވެސް، ގައުމީ ސަލާމަތީ ގާނޫނުގެ ދަށުން ތިން އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ޖަލުގައި ބަންދުކުރިއެވެ.

އޭނާގެ ދިރިއުޅުމަށް ކަޅުހިޔަނި އެޅިގެން ދިޔަ އެ ބާބުވީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި އެންމެ ހިތްދަތި ބާބަށެވެ. އެއީ އަޑެއް ހިމޭންކޮށްލިފަދަ، ހުވަފެންތަކެއް ބިލާހަކަށް ހަދާލިފަދަ އަދި އުންމީދުތަކެއް ޤަތުލުކޮށްލިފަދަ ނުރައްކާތެރި އަނިޔާވެރި އަމަލެކެވެ. ނަމަވެސް ފައުޒިއްޔާގެ ނަސީބު އެއަށްވުރެ މާ ރަނގަޅެވެ.

ހައްދު ފިލްމުގައި ފައުޒިއްޔާ އަދި މަރިޔަމް އައްޒަ --

ހަގީގަތް ހާމަވުމާއެކު އޭނާ ކުށުން ބަރީއަވެ، އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ބާޠިލްވިއެވެ. ނަމަވެސް، މުޖުތަމައު އޭނާއާ މެދު ދެކެމުން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ. އެހެން މީހުންގެ އިޙުތިރާމާއި ޤަދަރު އަނބުރާ ހޯދަން އޭނާއަށް ޖެހުނީ އަނެއްކާވެސް އާފެށުމަކުން ފަށާށެވެ. އެހެން ނަމަވެސް ފައުޒިއްޔާ ފަހަތަކަށް ނުޖެހުނެވެ. އޭނާ އެނބުރި އޭނާ އެންމެ ލޯބިވާ ދާއިރާ ކަމުގައިވާ އެކްޓިންގެ ދާއިރާއަށް އެނބުރި އައެވެ.

ކުރިމަތިލާން ޖެހުނު ހިތްދަތި ކަންތައްތަކުން ލިބުނު ފިލާވަޅުތަކުން ޢިބުރަތް ލިބިގަނެ، ވެއްޓިފައިވާ ވަޅުގަނޑުން ތެދުވެ އޭނާގެ ބަނަވެފައިވާ ދުނިޔެ އަލިކުރުމަށްޓަކައި އުއްމީދުގެ ހުޅުކޮޅު ދިއްލާލީ ކަށިން ހިތްވަރު ނެރެގެންނެވެ. ހުއްޓާނުލާ ކުރި މަސައްކަތުން ފައުޒިއްޔާ އޭނާގެ އަރިއަޅާލާފައިވާ ކެރިއަރު ކޮޅަށް ޖެހިއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ދިވެހި ސިނަމާގެ މުހިންމު ތަނބެއްގެ ގޮތުގައި ފައިތިލަ ސާބިތުކޮށްލިއެވެ.

ފައުޒިއްޔާގެ ފޭނުންނާއި ބެލުންތެރިން ފައުޒިއްޔާ ސިފަކުރަނީ ހަމައެކަނި އެކްޓްރެސްއެއްގެ ގޮތުގައެއް ނޫނެވެ. ފައުޒިއްޔާއަކީ ކެތްތެރިކަމާއި، ހިއްވަރުގަދަ ކަމުގައި ނަމޫނާއެކެވެ. އޭނާގެ އަޒުމް ވަރުގަދަ ކަމަކީ ދިރިތިބީންނަށް މިސާލެކެވެ.

ދެހާސް ބާރަވަނަ އަހަރުން 2019 ވަނަ އަހަރާ ދެމެދު ފައުޒިއްޔާ ފިލްމުކުޅުމާ ދުރަށް ޖެހުނެވެ. އަހަރުތަކެއް ފަހުން ސްކްރީނާ ހަމައަށް އައި ރޮމޭންޓިކް ޑްރާމާ ފިލްމް 'ހައްދު' އިން ފައުޒިއްޔާ އެނބުރި އައުމުން އަނެއްކާވެސް ދިވެހި ސިނަމާގެ ފޭނުން އޭނާ ބަލައިގަތީ ލޯތްބާއެކުއެވެ. އެ ފިލްމުގައި އޭނާ ކުޅުނު ބައި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ މަޤާމަށް ނޮމިނޭޓްވިއެވެ. އޭގެ ފަހުން ރޭވުމުން، ޕަރީ އަދި ލަސްވިޔަސް ފަދަ ކާމިޔާބު ފިލްމުތަކުން ފައުޒިއްޔާ ފެނިގެންދިޔައެވެ.

އެތައް ޒަމާނަކަށް އޭނާގެ ހަނދާންތައް އާކުރާނެފަދަ އެތަކެއް ހަނދާންތަކެއް ދުނިޔެއަށް ދޫކުރުމަށްފަހު ފައުޒިއްޔާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢުކީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، ސްރީ ލަންކާގެ ކޮލަމްބޯގައެވެ. ފައުޒިއްޔާގެ ޙަޔާތުގެ ހުރިހާ ބާބެއް ނިމުނު ނަމަވެސް އޭނާގެ ހަނދާންތައް ތާއަބަދުމެ ދެމިހުންނާނެއެވެ.

comment ކޮމެންޓް