ސަން ބަދިގެ: ފިލޮޅު ދޮންރިހަ

ފިލޮޅު މަހުގައި ކައްކާފައިވާ ދޮން ރިހަ--ފޮޓޯ/ފޭސްބުކް

ސަން ބަދިގެ މިއަދުގެ ސެގްމެންޓްގައި މި ގެނެސްދެނީ ރާއްޖޭގެ ފަރުފަޅުން ވަރަށް ގިނައިން ފެންނަ ބާވަތެއް ކަމަށްވާ ފިލޮޅުގައި ދޮން ރިހަ ކައްކާނެ ގޮތެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ ވަރަށް ރަހަ މީރު ފަރުމަހުގެ ބާވަތެކެވެ.

ބޭނުންވާ ތަކެތި

ރިހަ ކައްކާގޮތަށް ކޮށާލާފައި ހުރި ފިލޮޅު މަސް
2 ސައި ސަމުސާ ދަވިއްގަނދު
1 ސައި ސަމުސާ ސަމުސާ ދިރި
3 ނުވަތަ 4 ފުށް ސައިސަމުސާ އަސޭމިރުސް
ކާށި ހުނި
3 ހިކި މިރުސް
ގިތެޔޮ މިރުސް ކޮޅެއް (ރަހަލާވަރަށް)
4 ކާފޫރު ތޮޅި
ފޮނިތޮށި
ރީނދޫ
ރާނބާފަތް ކޮޅެއް
ހިކަނދިފަތް ކޮޅެއް
ލޮނު ކޮޅެއް
3 ލޮނުމެދު
އިނގުރުކޮޅެއް
1 މެދު ސައިޒުގެ ފިޔާ ތުނިކޮށް ކޮށާލާފައި
ފެން ކިރު
ބޯކިރު ކޮޅެއް


ތައްޔާރުކުރާނެ ގޮތް

ފިލޮޅު ދޮން ރިހައިގެ ހަވާދު ތައްޔާރުކޮށްލުމަށް އެންމެ ފުރަތަމަ ކޮށާލާފައި ހުރި ފިޔާގެ ތެރެއަށް ދިރި، އަސޭމިރުސް، ހިކި މިރުސް، ކާފޫރު ތޮޅި، ރީނދޫ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތް ތަށްޓެއްގައި ރަނގަޅަށް އަތުން މޮޑެލާށެވެ.

މިގޮތަށް ރަނގަޅަށް މޮޑެލުމުން ހަވާދުގެ ރަހަ ރަނގަޅަށް އެއިން ނުކުމެ ހަވާދުގެ ރަހަ މީރުވާނެއެވެ. އެއަށްފަހު ހުނިކޮޅު ވެސް އެއާ އެއްކޮށްލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މޮޑުނު ހަވާދުގެ ބާވަތްތައް މިކްސަރަކުން ފުނޑާލާށެވެ.

ފިލޮޅު މަހަކީ އޭގައި އޮމެގާ 3 މަތީ މިންވަރަކަށް އެކުލެވޭ މަހެއް. އެހެންވެ މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމަނާލެވިދާނެ ސިއްހަތަށް ފައިދާހުރި ފަރުމަހުގެ ބާވަތެއް--ފޮޓޯ/ފޭސްބުކް

ރިހަގަނޑުގެ ތައްޔާރުކޮށްލުމަށް ކޮށާލާފައި ހުރި ފިޔާ، އިނގުރު، ލޮނުމެދު، ގިތެޔޮ މިރުސް، ހިކަނދިފަތް، ރާނބާފަތް، ލޮނުކޮޅަކާ އެކު ކުރިން ފުނޑި ހަވާދުގެ ދެ މޭޒުމަތީ ސަމުސާވަރު ކުޑަ ފެންކިރު ކޮޅެއްގައި ރަނގަޅަށް މޮޑެލުމަށްފަހު ތެއްޔެއްގައި އެއްކޮށްލާށެވެ. ފިޔާގަނޑު މީރުކޮށްލުމަށް އެއްވެސް ވަރަކަށް ތެލެއް ބޭނުމެއް ނުވާނެއެވެ.

މިއީ ރޯމަހުގައި ތައްޔާރުކޮށްލާ ރިހައެއް ކަމުން ތެލުގައި ފިޔާގަނޑު މީރުކޮށްފިނަމަ ރަހަ އެހާ މީރު ނުވެދާނެތީ އެއްވެސް ވަރަކަށް ކައްކަން ތެޔޮ މީގައި ބޭނުމެއް ނުކުރެއެވެ. ދެން ކޮށާލާފައި ހުރި ފިލޮޅު މަސްތައް ހަވާދުގަނޑުތެރެއަށް ލުމަށްފަހު މަޑު ގިނީގައި ކައްކާލާށެވެ.

ހަވާދު މަދުހެން ހީވާނަމަ އިތުރަށް ފުނޑާފައި ހުރި ހަވާދު އެޅިދާނެއެވެ. ބޭނުންނަމަ އިތުރަށް ފެންކިރު ވެސް އެޅިދާނެއެވެ. ރިހަގަނޑު ކެކެމުންދާއިރު އެއްވެސް ވަރަކަށް ހަލުވާލައިފިނަމަ މަސްތައް ރޫޅޭނެތީ ރަނގަޅަށް ރޯފިލަންދެން އެއްވެސް ވަރަކަށް ރިހަގަނޑު ހަލުވާލައިގެން ނުވާނެއެވެ.

މަސްތައް ރަނގަޅަށް ރޯފިލުމުން މަޑުމަޑުން މަސްތައް ފުށުން ޖަހާލެވިދާނެއެވެ. ރިހަގަނޑު ރަނގަޅަށް ކެކުމުން ބޯކިރުކޮޅު އަޅާލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. މި ފިލޮޅު ދޮންރިހަ އަކީ ބަތާ އެކު ކާލަން ވަރަށް މީރު ރިހައެކެވެ. ބޭނުންނަމަ ރޮށްޓާ އެކު ވެސް މި ރިހަ ކެވިދާނެއެވެ.

comment ކޮމެންޓް