މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި, ސްރީލަންކާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ޖަހައިފިއެވެ.
މިދިޔަ ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ތިލަފުށިން ގެއްލުނު، ބަންގްލަދޭޝަށް ނިސްބަތްވާ އަމީން މިއާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން އެ މަހުގެ 28ވަނަ ދުވަހެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެއެވެ. ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދުރަޔަލަގެއަށް މީގެ ކުރިން ޖަހައިފައިވާ ބަންދުގެ މުއްދަތު ހަމަވާތީ، މިއަދު އޭނާ ކޯޓަށް ހާޒިރުކުމުން އޭނާގެ ބަންދަށް ވަނީ އިތުރު 45 ދުވަސް ޖަހައިފައެވެ.
އެ މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކުނި ޖަމާކޮށްފައިވާ ސައިޓެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހިގެން އޭނާ ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ވަގުތު އެކްސްކެވޭޓަރުން ކުނިތައް އެހެން ތަނަކަށް ބަދަލުކުރިއިރު، އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ހާދިސާ ހިނގި ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓު ކުރަން އިނީ ދުރަޔަލަގެއެވެ.
އެ މައްސަލައިގައި މީގެ ކުރިން ހެކިވެރިއަކު ދިން ބަޔާނަކާ ހަވާލާދީ ބަންދު އަމުރުގައި ވަނީ، ދުރަޔަލަގެ ފިލައިގެން ދާން މަސައްކަތްކުރި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް ކަމަށް، މައްސަލަ ބައްލަވާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވި ކަމަށްވެސް އަމުރުގައިވެއެވެ.