ކުރިން އޭނާ މަސައްކަތް ކުރީ، ރިސޯޓުތަކުގައެވެ. އެކަމަކު، އެ މަސައްކަތް ދޫކޮށް، އޭނާގެ އުފަން ރަށް ނ. ކުޑަފަރިއަށް ބަދަލުވީ، މީގެ 25 ވަރަކަށް އަހަރު ކުރިންނެވެ.
މިހާރު އޭނާ އަކީ، ބޮޑެތި މަސައްކަތްތަކުގެ މޭސްތެރިޔާއެވެ. ސިމެންތި ޖެހުމާއި ރާނާ ހެދުން ފަދަ ކަންކަމަށް އޭނާގެ ހިތް ވަނީ ދޫވެފައެވެ. އެ ކަންކަމުގެ ތެރެއިން ވެސް، އޭނާ ޚާއްސައީ، ބޮޑެތި ގަސްތައް ކަނޑާށެވެ. އެއީ، އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެވެ. ގަސް ކެނޑުމުގެ އިތުރަށް، އޭނާ އެ ގަސްތަކުގެ ލަކުޑި އެއްކޮށްގެން ވިއްކުމާއި ލަކުޑިން އެއްޗެހި ހަދައިވެސް ދެއެވެ.
މިއީ، ކުޑަފަރީ އަހުމަދު ރަޝީދު ޔޫސުފް (ޓަކޭ)ގެ ވާހަކައެވެ.
އޭނާ އަބަދު ވެސް އުޅޭނީ، ކޮންމެސް ގަހެއް ކަނޑާށެވެ. އެއީ، ޓަކޭގެ އާދައެވެ. އެސްއެސްޓީވީއަށް މި އިންޓަވިއު ދިން އިރު ވެސް އޭނާ އުޅުނީ ގަހެއް ކެނޑުމައިގެނެވެ. ރީތިކޮށް ގިނަ ދުވަހުން ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމަކަށް ވެސް އޭނާގެ ހިތެއް ނޭދެއެވެ. އެކަމަކު، އޭނާ ކޮށްއުޅެނީ އެ މަސައްކަތަށް ވާތީ، މީހުން އެދުމުން ކޮށްދެނީއެވެ.
"އަދި ވެސް ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން ގަސް [ކެނޑުމަކީ]. އަޅުގަނޑު ވެސް ހަމަ ބޭނުންވޭ ތިމާވެށި ހިމާޔަތް ކުރަން"

އެކަމަށް އޭނާގެ ވާހަކަތައް ހެކިވެއެވެ. ފަނަރަ ވަރަކަށް މިނެޓުގެ މި އިންޓަވިއުގައި އެކަނި ވެސް އެތައް ފަހަރަކު ގަސް ކަނޑަން ބޭނުންނުވާ ވާހަކަ ބުންޏެވެ. ގަސް ކެނޑުނީތީ ހިތާމަ ކުރާ ކަމަށެވެ. އެ ހިތާމަތަކަށް ލުޔެއް ހޯދީ، އިތުރު ގަސްތައް އިންދައިގެނެވެ. ކެނޑި ކޮންމެ ގަހަށް ދެ ތިން ގަސް އޭނާ އިންދިއެވެ.
ޓަކޭ ބުނި ގޮތުގައި، ގަސް ކެނޑުމަކީ ވެސް ވަރަށް ބުރަ މަސައްކަތެކެވެ. ކަނޑަން ޖެހެނީ ތަފާތު ތަންތަނުގައި ހުންނަ އެކި ގަސްތަކެވެ. އޭގެތެރެއިން ވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގަސްތައް ކަނޑާއިރު، ޚާއްސަ ސަމާލުކަމެއް އޭނާދެއެވެ.
"އަޅުގަނޑު މި ގަސް ކަނޑަން މި އުޅޭ ގޮތަކީ، ފުރަތަމަ ގަހަށް އަރާފައި އޮފިތަކެއް ކަނޑާލަނީ. އެ އޮފިތައް ވައްޓާލާފައި މައިގަނޑު [ގަސް ކަނޑަން ފަށާނީ]. ވަރަށް ބޮޑު މަސައްކަތެއް މިއީ. އެއްކަލަ ގެއެއްގައި ޖެހިދާނެތީ ވަރަށް ބަލަން ޖެހޭ" ފުނަ ގަހެއް ކެނޑުމުގެ މަސައްކަތުގައި އުޅެމުން އޭނާ ކިޔައިދިނެވެ.
ބިޔަކޮށް ހެދިފައި ހުރި އެ ފުނަ ގަސް އޭނާ ކަނޑައިދިނީ ހިލޭ ސާބަހަށެވެ. ޓަކޭ ބުނީ، އެ ގަސް ކެނޑުމަށް އަގެއް ނަގާނަމަ، އެއީ ދެ ތިން ހާސް ރުފިޔާގެ މަސައްކަތް ކަމަށެވެ.
ހިތް ނޭދި ގަސް ކެނޑިޔަސް، ކަރަންޓު ކީހަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ހިތްހަމަޖެހެނީ، އެ ކީހުން ކުރާ މަސައްކަތް ކުރަން ކަމަށް ޓަކޭ ކިޔައިދިނެވެ.
ޓަކޭގެ ހަތް ދަރިން ބޮޑުކުރީ ވެސް އެ މަސައްކަތް ކޮށްގެނެވެ. މިހާރު އެ ދަރިން ކައިވެނިކޮށް، ހަ ދަރިންގެ ފަރާތުން ކާފަ ދަރިން ވެސް ލިބިއްޖެއެވެ.
ގަހެއް ކެނޑުމައިގެން ނޫޅޭ ނަމަ، އޭނާ އަބަދު ވެސް އުޅޭނީ ކޮންމެސް އެހެން މަސައްކަތެއްގައެވެ. ޓަކޭއަކީ، ކުޑަފަރީ މީހުންނަށް ގަސް ކެނޑުމާއި މަސައްކަތް ކޮށްދިނުމުގައި އަތުކުރި އޮޅައިގެން ހުންނަ މީހެކެވެ.
"އަހަންމަދަކީ ކުޑަފަރީގައި ރުއް ކަނޑާ، ގަސް ކަނޑާ އެ ކަހަލަ ބުރަ މަސައްކަތް ކުރަން ނަމްބަރު ވަން"

ޓަކޭ ގަހެއް ކަނޑަނީ ---
"ރަށުގެ ބޮޑު މަސައްކަތެއް ކުރަން ޖެހިއްޖެއްޔާ ޓަކޭގެ ނަން ހަނދާންވާނީ. އެއީ ގަސް ވިޔަސް ރުއް ވިޔަސް ލަކުޑި ވިޔަސް ވަރުގަދަ މަސައްކަތެއް ވެއްޖިއްޔާ ޓަކޭ މަތިން ހަނދާންވާނީ"
އެ ރަށު މީހަކު ބުނި މި ވާހަކަތަކުން އެކަނި ވެސް އެ ކަން ސާބިތުވެއެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ހައިރާން ކުރުވީ، ޓަކޭގެ އުމުރު އެނގުމުންނެވެ. ހިކި، ޒުވާން ހަށިގަނޑެއް ހުންނަ ޓަކޭއަށް މިހާރު 62 އަހަރެވެ. ގަބޫލުކުރަން ވެސް ދަތިވިއެވެ. އެެހެން އެ ހުންނަނީ ޖިމަށް ގޮސްގެނެސް ނޫނެވެ. އޭނާ ބުނި ގޮތުގައި، އެ ހަށިގަނޑުގެ ސިއްރަކީ ކުރާ މަސައްކަތުން ލިބޭ ކަސްރަތެވެ.
އުމުރުން ދުވަސް ވިޔަސް އޭނާގެ މަސައްކަތްތެރިކަން ދޫކޮށްލާ ޚިޔާލެއް އަދި ނެތެވެ. އަދި ވެސް ހުރީ، ބޮޑެތި ގަސްތައް ކަނޑައިދިނުމުގައި ދެމިހުރުމުގެ އަޒުމުގައެވެ. ހަމައެއާއެކު ކަނޑާ ގަހަކަށް ދެތިން ގަސް އިންދުމާއެކުއެވެ.