ނޯތު ހާބަރުގައި ދަނޑުވެރިންނަށް ޚާއްސަކޮށް، ހެދި ވަގުތީ މާރުކޭޓް ހުޅުވައިފި

މިދިޔަ އަހަރުގެ ރޯދަމަހުގެ ތެރެއިން: ރޯދައަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި -- ސަން ފައިލް ފޮޓޯ/ މުޙައްމަދު މާވީ

ރޯދަ މަހާ ދިމާކޮށް ދަނޑުވެރިން ހައްދާ ތަކެތި، ފަސޭހައިން ވިއްކޭނެ މަގު ފަހި ކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބޭހޭ ވުޒާރާއިން ވަގުތީ މާރުކޭޓެއް ހުޅުވައިފިއެވެ.

މި މާރުކޭޓް ހަދާފައިވަނީ ނޯތު ހާބަރު ސަރަހައްދުގައި، ކުރިން ހިންގި ޝޮޓް ކެފޭ، ހުންނަ ތަނުގައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ "ދަނޑުވެރިންގެ ބާޒާރު" ގެ ނަން ދެވިފައިވާ މި މާރުކޭޓްގައި، ބޭރުން އެތެރެ ކުރާ އެއްވެސް ބާވަތެއް ނުވިއްކާނެ ކަމަށާއި، ވިއްކާނީ ރާއްޖޭގެ އެކި ދަނޑުތަކުގައި ހައްދާ ބާވަތްތައް ކަމަށެވެ.

ދަނޑުވެރިންގެ ބާޒާރަށް ގެނައުމަށް ށ. ގޮއިދޫގެ ދަނޑުތަކުން ކަނޑާފައިވާ ކަރާ---/ ފޮޓޯ، ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

މި މާރުކޭޓް ރޯދަ މަހުން ފެށިގެން, ހަ ރޯދަޔާ ހަމައަށް ބާއްވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ތަކެތި މާލެ ގެނެސް މި ބާޒާރުގައި ވިއްކުމުގެ އިންތިޒާމް ފަހިކޮށްދީފައިވެއެވެ. އެގޮތުން މި މާރުކޭޓްގައި ބައިވެރިވި ދަނޑުވެރިންގެ ތަކެތި މާލެ ގެނައުމަށް ސަޕްލައި ދޯނިތައް މިހާރު ވެސް ދަތުރު ކުރަމުން އަންނަ ކަމަށާއި، ހޮނިހިރު ދުވަހާ ހަމައަށް ހުރިހާ ރަށަކުން ތަކެތި ގެނެސް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 5:00 ށް އަދި ރޭގަނޑު 21:00 ން 23:00 ށް ހުޅުވާފައި ހުންނަ މި މާރުކޭޓްގެ އެންމެ ޚާއްސަ ކަމަކީ "މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް"(އެމްގެޕް) ސެޓިފައިޑް ކޮށްފައިވާ 10 ދަނޑުގެ ތަކެތިވެސް ގަންނަން ލިބޭތީއެވެ.

ރާއްޖޭގެ 7 ރަށަކުން ބައިވެރިވި މި މާރުކޭޓް ހަދާފައި މިވަނީ ދަނޑުވެރިކަމުގެ ވުޒާރާ އާއި، އެމްޕީއެލްގެ އިތުރުން ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެންނެވެ.

comment ކޮމެންޓް