ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ހުދު ކޫޑީގެ މައްސަލައަށް ހައްލު ހޯދުމަށް ތައްޔާރުކުރި ބޭސް ރުއްތަކަށް ލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދު ކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތަށް ވަނީ ގިނަވެފައެވެ. މިނިސްޓްރީން ބުނީ ރުއްތަކަށް ދިމާވެފައިވާ ހުދު ކޫޑީގެ މައްސަލައިގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އަދި އެކަމާ ގުޅިގެން އެކަން ހައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑް ގެނެސްފައިވާ ކަމަށެވެ.
އަދި މި ބޭސް ޕެކެޓް ބޭނުންކޮށްގެން ހުދު ކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދު ކޫޑި ކޮންޓްރޯލު ކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށައިފިއެވެ. މިގޮތުން ރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށް ވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ހަވާލުކޮށްފައި ވަނީ ހއ. ބާރަށު ކައުންސިލާއެވެ. އެ ރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑު ލުމުގެ ޕްރޮގުރާމް ހިންގައިފައެވެ.

ހއ. ބާރަށުގެ ރުއްތަކަށް ބޭސް ލުމުގެ ތެރެއިން-- ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
މި ޕްރޮގުރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ ސިޓީތައް ފޮނުވާފައިވާކަން ހާމަކުރަމުން މިނިސްޓްރީން ބުނީ މި އަތޮޅުތަކުން ޕެސްޓިސައިޑާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުން ކަމަށެވެ. އަދި މި ނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ހަވާލުވާނީ މާލެއިން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ހުދު ކޫޑީގެ މައްސަލަ ދިމާވެގެން އެކަން ހައްލުކޮށްދިނުމަށް އެދި ލ. ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެ ރަށްރަށަށް ވެސް ޕެސްޓިސައިޑު ހަވާލުކުރުމުގެ ސިޓީތައް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ހަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.