ކ. ކާށިދޫގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުންނަ ގޯތިތަކާއި ދަނޑުތަކުގައި ކެމިކަލް ބޭސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކެމިކަލް ބޭހުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބުނެ ރަށުގެ އާންމު ރައްޔިތުންގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެންނެވެ.
ކާށިދޫ ކައުންސިލްގެ ރައީސް ސޮބާޙު މުޙައްމަދު "ސަން"އަށް ވިދާޅުވީ، މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހުންނަ ގޯތިތަކާއި ދަނޑުތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބޭނުންކުރާ ކެމިކަލްގެ އަސަރު އާންމުންނަށް ފޯރާ މައްސަލައަކީ ދުވަސްވީ ޝަކުވާއެއް ކަމަށެވެ. މީގެ ކުރީގެ ކައުންސިލުން ވެސް އެފަދަ ކަންކަން ނުކުރުމަށް އަންގާފައިވީ ނަމަވެސް، އެކަން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް ނުރައްކާތެރިކަމެއް. މިކަމުގެ ސަބަބުން ނޭވާ ހިއްލުމާއި އެލާޖިކްވުން ކަހަލަ ކަންކަން ވާތީ މީހުންގެ ޝަކުވާތައް ލިބޭ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.
މި މަހުގެ އަށްވަނަ ދުވަހު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކެމިކަލް ބޭސް ބޭނުންކުރުމުގައި އާންމު މިންގަނޑުތަކާ ޚިލާފަށް އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުންކުރާ ނަމަ، އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދީފައިވާ ފަރާތަކުން ނަގަން ޖެހޭނެ ކަމަށެވެ. އަދި މިއީ ބަލި މީހުންނާއި ކުޑަކުދިން ސިއްހީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ކަމަކަށްވާތީ، މިފަދަ އަމަލުތައް ހުއްޓާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ ކާށިދޫގައި، މީހުން ދިރިނޫޅޭ ސަރަހައްދުތަކުގައި ކެމިކަލް ބޭނުންކުރުމުގެ ހުއްދަ އޮންނަ ނަމަވެސް، އަވަށުތެރޭގައި ހުންނަ ހުސް ގޯތިތަކުގައި ގަސް ހައްދާއިރު ބާރުގަދަ ކެމިކަލް ބޭނުންކުރުމަކީ އާންމުންނަށް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމެއް ކަމަށް އެރަށު މީހުން ފާހަގަކުރެއެވެ.
ސޮބާހު ވިދާޅުވި ގޮތުގައި، ކައުންސިލުން ދަނީ ގޯތިތަކާއި އަވަށާ ކައިރި ސަރަހައްދުތައް މޮނީޓާކޮށް، އުސޫލާ ޚިލާފަށް ކެމިކަލް ބޭނުންކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިވަޔަޅު އަޅުއްވާނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ފާޓިލައިޒަރާއި ޕެސްޓިސައިޑަކީ މި ޒަމާނުގެ ދަނޑުވެރިކަމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ތަކެއްޗެވެ. ގަސް ރަނގަޅަށް ހެދިބޮޑުވުމާއި މަތިވަރު ރަނގަޅުކޮށްދިނުމާއި ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި ފާޓިލައިޒަރާއި ޕެސްޓިސައިޑުގެ ދައުރު ބޮޑެވެ. ނަމަވެސް ރައްކާތެރިކަމަށް ބެލުމެއްނެތި، އެކަށީގެންނުވާ ގޮތްގޮތަށް އެ ބޭނުންކުރާން ފެށުމުން ސިއްހަތަށާއި ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރުތައް ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.
ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުމާ ކެންސަރު ޖެހުމާ ގުޅުން އޮތް ކަމުގެ ބިރު އޮތްއިރު، ރާއްޖޭގެ ބައެއް ރަށްތަކުގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުން އޮވެއެވެ.
ހެލްތު މިނިސްޓަރު ކަމުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މީގެ ކުރިން ވަނީ، ރާއްޖޭގައި ކެންސަރު އާންމުވީއިރު، އެ ބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކެންސަރު ބަލި ޖެހިފައިވާ މީހުން އިތުރުވުމުގެ ކަންބޮޑުވުން މިދިޔަ އަހަރުގެ ތެރޭ ވަނީ ފާޅުކޮށްފައެވެ. އެގޮތުން، ދަނޑުވެރި ރަށެއްކަމަށްވާ ބ. ގޮއިދޫގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުމާއެކު އެކަމުގެ ސަބަބު ދިރާސާކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް މިދިޔަ ޑިސެންބަރު މަހު އާންމު ރައްޔިތަކު އެދިފައިވެއެވެ.
އެކަމާ ގުޅިގެން، ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، ތަހުލީލުތައް ހަދަން ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް މިދިޔަ މާރިޗު މަހު، އޭރު އެގްރިކަލްޗާ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ. މިދިޔަ އޭޕްރިލް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެ މިނިސްޓްރީ އުވާލައްވައި، ދަނޑުވެރިކަމާ ގުޅުންހުރި މަސްއޫލިއްޔަތުތައް ވަނީ ފިޝަރީސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފައެވެ.