ރަމަޟާން 2026: މައްކާއާއި މަދީނާއަށް ހޫނު ގަދަވާނެ

މިއަހަރުގެ ރަމަޟާން މަހު މައްކާ އާއި މަދީނާއަށްވެސް ހޫނު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި. ފޮޓޯ/އޭއެފްޕީ

މި އަހަރުގެ ބަރަކަތްތެރި ރަމަޟާން މަހު މާތްވެގެންވާ މައްކާއާއި މަދީނާއަށް އެވްރެޖް ފިނިހޫނުމިނަށްވުރެ ހޫނުމިން މަތިވެ، ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓާ ފޯ މީޓިއޮރޮލޮޖީން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ، މައްކާ އަދި މަދީނާއަށް ވެސް ވިއްސާރަކުރާ މިންވަރު އާންމުކޮށް ވިއްސާރަކުރާ ވަރަށް ވުރެ މަދުވުން އެކަށީގެންވާ ކަމަށެވެ. ރަމަޟާން މަހު އެވްރެޖްކޮށް މައްކާއަށް 4.2 މިިލިމީޓަރުގެ ވާރޭވެހޭއިރު، މަދީނާއަށް އެވްރެޖްކޮށް 4.3 މިލިލީޓަރުގެ ވާރޭވެހެއެވެ.

މައްކާގެ ހޫނުމިން އެވްރެޖްކޮށް ހުންނަ ހޫނު މިނަށްވުރެ އެެއް ޑިގްރީ ސެލްސިއަސް މަތިވާނެ ކަމަށް ލަފާކޮށްފައިވާއިރު، މަދީނާގެ ހޫނުމިން 1.2 ޑިގްރީއަށް މަތިވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.

ރަމަޟާން މަހު މައްކާގެ އެވްރެޖް ހޫނުމިން ގާތްގަނޑަކަށް 26.8 ޑިގްރީ ސެލްސިއަސް އަދި މަދީނާގެ ހޫނުމިން 23.1 ޑިގްރީ ސެލްސިއަސްގައި ހުންނަ ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ، ފިނިހޫނުމިން ލަފާކުރުމުގެ މަގުސަދަކީ ދެ މިސްކިތަށް ޒިޔާރަތްކުރާ ޚާއްސަކޮށް މި މާތް މަހުގެ ތެރޭގައި މިސްކިތްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެހީއަކަށް ކަމަށެވެ.

މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާގެ ރަސްމީ ޗެނަލްތައް ބެލުމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

comment ކޮމެންޓް