ގަވާއިދާ ހިލާފަށް މައްކާއަށް މީހުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް މައްކާއަށް މީހުން ގެންދަން އުޅުނު ބަޔަކު ސަައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/ސައުދީ ގެޒެޓް

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހައްޖުވުމުގެ ހުއްދަ ނެތި މައްކާއަށް މީހުން އެތެރެކުރަން މަސައްކަތްކުރި ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސައުދީ ރައްޔިތަކާއި، މިސްރު މީހެއްގެ އިތުރުން މިޔަންމާ މީހަކު ހިމެނެއެވެ. މި ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ގަވާއިދާ ހިލާފަށް މީހުން މައްކާއަށް ވެއްދުމަށެވެ. މީގެ އިތުރުން ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހައްޖު މޫސުމާ ދިމާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އޭޕްރީލް 19 އިން މެއި 31 އަށް ހުއްދަ ނެތި މައްކާއަށް މީހުން ގެންދާ ފަރާތްތައް 100،000 އިން ޖޫރިމަނާކުރުމާއި، ހުއްދަ ނެތި ހައްޖުވާން އުޅޭ މީހުން 20،000 އިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

  • ހައްޖުގެ ހުއްދަ ނެތި މައްކާއަށް މީހުން ގެންދިޔަ ސައުދީ، މިސްރު އަދި މިޔަންމާ ރައްޔިތުން ހައްޔަރުކުރުން
  • ސައުދީ މީހާ ތިން މީހަކު އަދި މިޔަންމާ މީހާ ހަ މީހަކު ހުއްދަ ނެތި ގެންދަން އުޅުން
  • އޭޕްރީލް 19 އިން މެއި 31 އަށް ގަވާއިދާ ހިލާފަށް މައްކާއަށް މީހުން ގެންދާ ފަރާތްތައް 100،000 އިން ޖޫރިމަނާކުރުން
  • ހުއްދަ ނެތި ހައްޖުގެ އަޅުކަން ކުރަން އުޅޭ މީހުން 20،000 އިން ޖޫރިމަނާކުރުން

ހައްޖުވުމުގެ ހުއްދަ ނެތި މައްކާއަށް ބަޔަކު ވައްދަން އުޅުނު މައްސަލައެއްގައި ސައުދީ އަރަބިއާއި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

ސައުދީ މީހާ ހައްޔަރު ކުރީ ހައްޖުގެ ހުއްދަ ނެތް ތިން މީހުން މައްކާއަށް ގެންދިޔުމުގެ ކުށުގައެވެ. މިސްރު މީހާ ހައްޔަރު ކުރީ ހައްޖުގެ ގަވާއިދާ ހިލާފަށް ވިސާ ހޯލްޑަރެއް ގެންގޮސް، މައްކާއަށް އެތެރެވުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރި މައްސަލައިގައެވެ.

ހުއްދަ ނެތި ހަ މީހަކު މައްކާއަށް ގެންދަން އުޅުނު މިޔަންމާ މީހަކު ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހިފަހައްޓާފައެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ހައްޖުގެ ގަވާއިދުތަކާއި އިރުޝާދުތަކާ ހިލާފަށް މައްކާއަށް މީހުން ގެންނަން މަސައްކަތް ކުރި މައްސަލައިގައެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ކުރިން އިންޒާރު ދީފައިވާ ގޮތުގައި އޭޕްރީލް 19 އިން ފެށިގެން މެއި 31 ވަަނަ ދުވަހުގެ ނިޔަލަށް އަށް އެއްވެސް ބާވަތެއްގެ ވިޒިޓް ވިސާއެއް ގެންގުޅޭ މީހުން މައްކާ އާއި ހުރުމަތްތެރި ތަންތަނަށް ގެންދާ ކޮންމެ މީހަކު ގިނަވެެގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރާނެއެެވެ.

ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްޗަށް ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އޭޕްރީލް 19 އިން މެއި 31 އަށް މައްކާ ސިޓީ އާއި ހުރުމަތްތެރި އެހެން ތަންތަނަށް ވަންނަ ނުވަތަ އެތެރެވާން ނުވަތަ މަޑުކުރަން މަސައްކަތް ކުރާ ހުރިހާ ބާވަތެއްގެ ވިޒިޓް ވިސާ ގެންގުޅޭ ފަރާތްތަކަށް ވެސް ހަމަ މި އަދަބު ދޭން ވަނީ ނިންމާފައެވެ.

comment ކޮމެންޓް