އުމްރާގެ އަޅުކަމަށް ފުރަތަމަ ފަހަރަށް އައްޑޫ ސިޓީން ސީދާ މައްކާއަށް ދަތުރެއް ބާއްވަން ނިންމައިފިއެވެ.
އުމްރާގެ އަޅުކަމަށް މީގެ ކުރީން އަބަދު ވެސް މީހުން ފުރަނީ ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިންނެވެ.
ނަމަވެސް، މި ފަހަރު ވަނީ އެކަން ބަދަލުކޮށް ރާއްޖޭގެ އުތުރުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ މައްކާގެ ޖިއްދާއަށް ދަތުރެއް ކުރަން ނިންމާފައެވެ. މިއީ ތާރީޚުގައި ވެސް، އަތޮޅުތެރޭގެ އިންޓާނޭޝަނަލް އެއާޕޯޓަކުން އުމްރާއަށް ދިއުމަށް މީހުން ފުރާ ފުރަތަމަ ފަހަރަށް ވާނެއެވެ.
އުމްރާއަށް މީހުން ގެންގޮސްދޭ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ދި ޓްރެވެލާސްއިން ވަނީ، ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީއަރަބިއްޔާގެ ޖިއްދާއަށް ދަތުރެއް ބާއްވަން ނިންމާފައެވެ.
އެ ދަތުރުގެ ސަބަބުން ދަތުރުކުރަންޖެހޭ މަގު ކުރުވާ ކަމަށާއި މައްކާއިން މަދީނާއަށް ދާން އޮންނަ މަގު ކައިރިވާ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ. އަދި، އެ ދަތުރުގެ ބުކިންއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން މައްކާގެ ޖިއްދާއަށްކުރާ މި ދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ވައިޑްބޮޑީ އޭ 330އެވެ. އެ ބޯޓަކީ އެއްފަހަރާ 264 މީހުންނަށް ދަތުރުކުރެވޭ ބޯޓެކެވެ.