ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ މައްސަލަ އެންމެ ފަހުން ހައިކޯޓަށް

ހުއިފިލަނޑާ: ފުލުހުން ވިއްކަނީ، 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ''ވަގަށް'' ނަގައިފައިވާ ކަމަށް ރިޕޯޓުކުރުމުން ހޯދި ތަކެތި -- ފޮޓޯ/ ޕީއެސްއެމް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓައި ނީލަމުގައި ވިއްކާލަން އިއުލާން ކުރި، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާގެ މައްސަލަ އެންމެ ފަހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ހައިކޯޓަށް ބަލައިގަތް ކަމެއް އަދި ސާފެއް ނުވެއެވެ.

ހައިކޯޓަށް ހުށަހަޅާފައިވަނީ އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފެވެ.

މި މައްސަލައަކީ ފުވައްމުލަކު މީހަކު ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި ހުއިފިލަނޑާތައް ނީލަމުގައި ވިއްކާލުމަށް ފުލުހުން އިއުލާން ކުރިނަމަވެސް އެ ހުއިފިލަނޑާތައް ވިއްކާލިކަމެއް ސާފެއް ނޫނެވެ. އެއީ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުންވެސް ކުރިން ބުނެފައިވެއެވެ.

ފުލުހުން އެ ވިއްކާލަން އިއުލާނުކޮށްފައިވަނީ، ކިލޯއަކަށް 300 ރުފިޔާގެ މަގުން ނީލަން ފަށާ ގޮތަށެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އިސްތިއުނާފުކޮށްފައިވަނީ އެނގިފައިވާ ގޮތުގައި އެ ނިންމުމެވެ.

މި މައްސަލައަކީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. "މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް