ޣައްޒާއިން ނުނިކުމެވި، 20،000 މީހުން ފަރުވާ ނުލިބި ބަންދުވެފައި

ބަލިމީހުންނާއި ޒަޚަމްވެފައިވާ ފަލަސްތީނުގެ ބަޔަކު އެމްބިއުލާންސްތަކާއި ބަސްތަކުގައި ރަފަހް ބޯޑަރު ހުރަސް ކުރުމަށް ދަތުރު ކުރަނީ. ފޮޓޯ/އޭއޭ

އިސްރާއީލުން ރަފާހު ހުރަސްކުރުން ހަނިކުރަމުންދާއިރު، ރަފަހް ހުރަސްކުރުމުގެ އިންތިޒާރުގައި ޣައްޒާގެ 20،000 އަށް ވުރެ ގިނަ ބަލި މީހުން އެބަތިބި ކަމަށް ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒަރާއިން ބުނެފިއެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން ބުނީ، ޣައްޒާގެ ސިއްޙީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ހުރަސްކުރުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ޣައްޒާއާއި މިސްރު ގުޅޭ ރަފަހް ބޯޑަރުގެ ޣައްޒާ ފަޅި 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ބަންދުކޮށްފައި އޮތުމަށް ފަހު، ވަރަށް މަދު ބަޔަކަށް ހުރަސް ކުރެވޭ ގޮތަށް ބޯޑަރު އަލުން ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ހުރަސްކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި 20،000 އަށް ވުރެ ގިނަ ބަލިމީހުންނާއި ޒަޚަމުވެފައިވާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސީރިއަސް ބަލިތައް ކަމަށްވާ ކެންސަރާއި ހިތާއި ކިޑްނީ ފެއިލްވެފައިވާ ބަލިމީހުން ހިމެނޭ ކަމަށެވެ.

އަނިޔާވި ގިނަ މީހުންނަށް ސިއްހީ ފަރުވާގެ އަމާޒުކޮށްގެން ޣައްޒާގެ އެތެރޭގައި ނުލިބޭ ޒަމާނީ ސާޖިކަލް ޕްރޮސީޖަރުތަކެއް ބޭނުންވާ ކަމަށް ވެސް އެ ވުޒާރާއިން އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުން ބޯޑަރު ހުޅުވާނެކަން އިއުލާންކުރި ނަމަވެސް، ހުރަސް ކުރުމުގެ ހުއްދަ ދެނީ މަދު ބަޔަކަށެވެ. ހުރަސް ކުރާ މީހުންނަށް ވެސް އިސްރާއީލުން އަންނަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. އެ ގޮތުުން، އެ މީހުން އިސްރާއީލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓްތަކަށް ގެންގޮސް ކަނުބަނދެ، ބިނޑިއަޅުވައި ބިރުދައްކާ ކަމަށް ފަލަސްތީނުގައި ހުންނަ އދ ގެ އޮފީހާ ހަވާލާދީ ޓީއާރްޓީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ރަފަހް ބޯޑަރުން ހުރަސްކުރެވޭ މީހުންގެ އަދަދު މަދުކުރުމާއި، ބޭސްފަރުވާއަށް ބޭނުންވާ މީޙުން ޣައްޒާއިން ބޭރަށް ނެރުން ލަސްވުމަކީ އެތައް ހާސް ބަލިމީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ސިއްޙީ ވުޒާރާއިން ބުނެއެވެ.

ރަފަހު ބޯޑަރަކީ އިންސާނީ އެހީ ވެއްދުމަށާއި ޣައްޒާއިން ބޭރަށް ދިޔުމަށް ވެސް މުހިންމު ސަަހައްދެކެވެ.

comment ކޮމެންޓް