މޫނު ނިވާކޮށް ހަތިޔާރު އެޅި ބަޔަކު ޣައްޒާގެ ނަސީރު ހޮސްޕިޓަލް ތެރޭގައި ހަރަކާތްތެރިވެ، ބިރު ދައްކާތީ ޑޮކްޓާސް ވިތްއައުޓް ބޯޑާސް (އެމްއެސްއެފް) އިން އެ ހޮސްޕިޓަލްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންތައް ހުއްޓާލާއިފިއެވެ.
ޖެނީވާގައި ހުންނަ އެ އިދާރާގެ އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ޚާން ޔޫނިސްގައި ހުންނަ ނަސީރު ހޮސްޕިޓަލުގައި ކޮންމެހެން ބޭނުން ނުވާ މަސައްކަތްތައް ޖެނުއަރީ 20 ވަނަ ދުވަހު މެދުކަނޑާލީ ސަލާމަތީ ކަންކަމާ ގުޅިގެންނެވެ.
"އެމްއެސްއެފްގެ ޓީމުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތިޔާރު އެޅި މީހުން ހަރަކާތްތެރިވުމާއި، ބިރުދެއްކުމާއި، ބަލިމީހުން ހައްޔަރުކުރުން ހިމެނޭ،" އެ ވެބްސައިޓްގައި މި މަހުގެ 11 ވަނަ ދުވަހު ބުނެފައިވެއެވެ.
މި ސަސްޕެންޝަންގެ ދަށުން އެމްއެސްއެފް އިން އިންޕޭޝަންޓް އަދި ސާޖިކަލް ޑިޕާޓްމަންޓް ފަދަ ކްރިޓިކަލް ސާވިސްތަކަށް ސަޕޯޓް ދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނަމަވެސް ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް ހިމެނޭ ގޮތަށް ކުޑަކުދިންނާއި ވިހާ މީހުން ވައްދާ ވޯޑްތަކަށް ދޭ ސަޕޯޓް މެދުކަނޑާލާނެއެވެ.
އެ ޖަމިއްޔާއަށް ހަތިޔާރު އެޅި މީހުންނާ ގުޅުން ހުރީ ކޮން ބަޔަކާކަން ނޭގުނު ނަމަވެސް، މީގެ ކުރިން އިސްރާއީލުން ގަސްތުގައި ޣައްޒާގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިން ހަމަލާތަކުން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގައި މަރުވެފައިވާ މީހަކު ވަޅުލުމަށް ގެންދަނީ. ފޮޓޯ/އޭޕީ
އިސްރާއީލުން ވަނީ އެ ޣައްޒާ ސަރަހައްދުގެ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލައި، ފަލަސްތީނުގެ 95 ޑޮކްޓަރުންނާއި މެޑިކަލް ވޯކަރުން އަޅުވެތިކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާގެ 80 މީހުން ހިމެނެއެވެ.
ދުވާލަކު އެތައް ސަތޭކަ ބަލިމީހުން ވިހެއުމާއި ފިހިގެން ގެންނަ މީހުންެ ހިމެނޭހެން ވޯޑްތަކުގައި އެޑްމިޓް ކުރާތީ އެމްއެސްއެފްގެ މަސައްކަތް ހުއްޓާލުމުން ހޮސްޕިޓަލަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާގެ ރެކޯޑްސް ޑިޕާޓްމަންޓްގެ ވެރިޔާ ޒާހިރު އަލް ވަހީދީ ވިދާޅުވިއެވެ.
ޣައްޒާގެ ދާޚިލީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހޮސްޕިޓަލްތަކުގެ ތެރޭގައި ހަތިޔާރު އެޅި އެއްވެސް މީހަކު ހަރަކާތްތެރިވުން ހުއްޓުވާނެ ކަމަށާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހީދޭ ޖަމިއްޔާތައް ހަރަކާތްތެރިވުން އިސްރާއީލުން މަނާކުރުން
އެމްއެސްއެފްގެ މަސައްކަތްތައް މެދުކަނޑާާލާކަން އިއުލާން ކޮށްފައިވަނީ އެ ޖަމިއްޔާއާއި ޣައްޒާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެހެން ބައެއް ޖަމިއްޔާތަކުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ކުރާ މަސައްކަތްތައް ހުއްޓާލަން އަމުރުކޮށްފައިވަނިކޮށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ހޮސްޕިޓަލްތަކަށާއި ސިއްހީ ހިދުމަތްތެރިންނަށް ތަކުރާރުކޮށް ހަމަލާދީފައިވެއެވެ.
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 72،000 އަށްވުރެ ގިނަ މީހުން މަރުވެ 171،000 މީހުން ޒަޚަމްވެފައިވެއެވެ.