ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އައްޔަންކުރާ ކޮންމެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރަކަށް ފަސް އަހަރުތެރޭ ދޮޅު މިލިއަނެއްހާ ރުފިޔާ މުސާރައިގެ ގޮތުގައި ޚަރަދުވާނެ ކަމަށާއި، ބަދަލުގައި އެއިން ކޮންމެ ސިޔާސީ ޑައިރެކްޓަރަކަށް އެއްފަހަރާ އެ ރުފިޔާދީ އެ މީހުން ލައްވައި ގެސްޓްހައުސް އަޅާށޭ ބުނިނަމަ ވެސް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް، ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާޠިފް މިރޭ ވިދާޅުވެއްޖެއެވެ.
އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް އޮތް ޖަލްސާގައި ވާހަކަދައްކަވަމުން، ހދ. ހަނިމާދޫގެ އެއާޕޯޓަށް އިޝާރާތްކުރައްވައި ޢާތިފް ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އުތުރުގައި އިގުތިޞާދީ ދޮރާށި ހުޅުވުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރަށް ދެ އަހަރުވީއިރު އެ އެއާޕޯޓުގެ ބޭނުން ހިފަން ނޭނގުނު ކަމަށް ޢާޠިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގަ އޭރުގައި އައީ ރަށްރަށުގައި ގެސްޓްހައުސްތައް އަޅަން ތައްޔާރުވަމުން، ނަރުދަމާތައް އަޅައި ނިންމަމުން، ދެވަނަ ދައުރެއް ލިބުނުނަމަ އޮތީ ޒުވާނުންނަށް އެސްއެމްއީގެ ފުރުސަތުދީފައި، އެ ސަރަހައްދުގައި ޓުއަރިސްޓު އެނދު ތަރައްގީކުރަން،" ޢާޠިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެކިވަރުވަރުން ސިޔާސީ ޑައިރެކްޓަރުން މި ސަރުކާރުގައި އެބަތިއްބެވެ.
"އަޅުގަނޑު ހިތަށް އަރަނީ އެސްޕީޑީއަކަށް ފަންސަވީސްހާސް ރުފިޔާ މަހަކު ދީފައި ބޭތިއްބީމާ ފަސް އަހަރުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ އޭގެން ކޮންމެ އެސްޕީޑީއަކަށް އެބަދޭ، ކީއްތޯއޭ ވާނީ އެކުދިންނަށް 1.5 މިލިއަން ރުފިޔާ ދީފައި ގެސްޓްހައުސެއް އަޅާށޭ ބުނިނަމަ؟ ގައިމު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ،" ޢާޠިފް ވިދާޅުވިއެވެ.
ސަރުކާރުން ގިނަ ސިޔާސީ ޑައިރެކްޓަރުން ނަގަނީ ރައްޔިތުން ސަލާން ޖަހަން މަޖުބޫރުކުރުމުގެ ބޭނުމުގައި ކަމަށް ޢާޠިފް ވިދާޅުވިއެވެ. ބޭނުމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ރަށްތަކަށް ކަންކަން ކުރަން މަޖުބޫރުކުރުވުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢާޠިފް އިތުރަށް ވިދާޅުވީ، ސިޔާސަތުތަކާއެކީ ރައްޔިތުންނަށް ވިސްނުންތަކެއް ހުށަހަޅައި، އެމްޑީޕީ ފިޔަވައި އިންތިޚާބުތަކުގައި ވާދަކުރާ އިތުރު އެއްވެސް ޕާޓީއެއް ނެތް ކަމަށެވެ.
"މި ރާއްޖޭގައި ފޮތް ލިސްޓަށް ސަލާންޖެހިކަން ދަތީ މި ޕާޓީން، މި ރާއްޖޭގައި ބޭސްފަރުވާއަށް ސަލާންޖެހިކަން ދަތީ މި ޕާޓީން، މި ރާއްޖޭގައި ރަށު ބަންދުގައި ރައްޔިތުން ތިބިކަން ދަތީ މި ޕާޓީން، މި ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ދޮށީ އުމުރުގެ މީހުންނާއި އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތިބިކަން ދަތީ މި ޕާޓީން، މި ރާއްޖޭގައި ނިކަމެތި އާއިލާތަކުގެ ދަރީން ޑިގްރީ ނެހެދިފަ ހުރިކަން ދަތީ މި ޕާޓީން، މި ރާއްޖޭގައި ރަށްތަކުގަވެސް މީހުން އުޅެންޖެހޭކަން ދަތީ މި ޕާޓީން،" ޢާޠިފް ވިދާޅުވިއެވެ.
އާތިފް މިފަދައިން ވިދާޅުވިއިރު، މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ދެހާހަށްވުރެ މަތިކަމަށް އިދިކޮޅުން ފާހަގަކުރެއެވެ. އަދި ސިޔާސީ މަގާމުތަކާއި މިނިސްޓްރީތަކަށް ވެސް އެކި ފެންވަރުގައި އެތައް ސަތޭކަ ބަޔަކު އައްޔަންކޮށްފައިވާކަމުގެ ތުހުމަތުކުރާއިރު ސީދާ ނަންބަރުތައް ހާމަކުރަން ވެސް ސަރުކާރުން ދެކޮޅު ހަދައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ވެސް ކުރާ އެއް ކަމަކީ ވެސް މުސާރަތައް ދިނުމެވެ.