މިފެށޭ ރަމަޟާން މަހު، ދިވެހިން އާންމުކޮށް ކައި އުޅޭ ބާސްމަތީ ހަނޑުލުގެ ބާވަތްތައް ހިމެނޭހެން، ފިޠުރު ޒަކާތުގެ ގޮތުގައި ބައެއް ބާވަތްތަކުން ނަގާ އަގު އުފުލިއްޖެއެވެ.
ޒަކާތު ހައުސްއިން އާންމުކުރި އިއުލާނުގައިވާ ގޮތުން، ފިޠުރު ޒަކާތުގެ ގޮތުގައި މިފަހަރު ދައްކަންޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބަސްމަތީ ހަނޑޫ އާދައިގެ: 77 ރުފިޔާ
- ބާސްމަތީ ހަނޑޫ މޮޅު: 109 ރުފިޔާ
- ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
އެހެންކަމުން، އާދައިގެ ހަނޑުލާއި އާދައިގެ ފުށާއި އާޓާ ފުށުން ދައްކަންޖެހޭ ފައިސާގެ އަދަދު އެއްވަރެއްގައި ވަނީ ހިފެހެއްޓިފައެވެ. ތައިލެންޑުގެ ހުދު ހަނޑުލުން ދައްކަންޖެހޭ ފައިސާ މިދިޔަ އަހަރާ ބަލާއިރު ދަށްވެފައިވާއިރު، ބާކީ ހުރި ބާވަތްތަކުން ދައްކަންޖެހޭ ފައިސާ ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހާއި އަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު ތައިލެންޑުގެ ހުދު ހަނޑުލުން ފިޠުރު ޒަކާތް ދައްކަންޖެހޭނީ ނުވަ ރުފިޔާ މަދުންނެވެ. ރަތް ހަނޑުލުން އިތުރަށް ދިހަ ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑުލުން އިތުރަށް ތިން ރުފިޔާ، މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން އިތުރަށް ނުވަ ރުފިޔާ، އަދި އެންމެ މޮޅު ވައްތަރުގެ ބާސްމަތީ ހަނޑުލުން ތިން ރުފިޔާ އިތުރަށް ދައްކަންޖެހޭ ކަމަށް، ޒަކާތު ހައުސްގެ އިއުލާނުގައިވެއެވެ.
މި އަހަރު ވެސް ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނެއެވެ. ނަގުދު ފައިސާއިން ބަލައިގަންނާނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނެވެ. ރަށްރަށުގައި ނަމަ ރަށްރަށުގެ ކައުންސިލުތަކުންނެވެ.
މިފެށޭ ރަމަޟާން މަހު އޮންލައިންކޮށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ހެނދުނު ހައެއް ޖަހަންދެން، އަދި ނަގުދު ފައިސާއިން ނަމަ، ރަސްމީ ބަންދު ދުވަސްތަކާއި ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ބަލައިގަންނާނެއެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިޠުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.