ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 6،000 ރުފިޔާ މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ބަހައިފިއެވެ.
މިދިޔަ ރޯދަގައި ފިތުރު ޒަކާތުގެ ގޮތުގައި، ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް ބެހީ، 4،500 ރުފިޔާއެވެ. ނަމަވެސް، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބި، ފަގީރުންގެ ލިސްޓުގައިވާ ކޮންމެ މީހަކަށް 6،000 ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ބަހާފައެވެ. އެއީ، މިދިޔަ ރޯދައަށް ވުރެ، 15،00 ރުފިޔާ އިތުރު އަދަދެކެވެ.
އިސްލާމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބި، ކޮންމެ ފަގީރަކަށް އެންމެ ގިނައިން ފިތުރު ޒަކާތް ބެހި އަހަރެވެ.

މި އަހަރު ފިތުރު ޒަކާތަށް ގޮވާމުން ދައްކާފައިވާ ބާވަތްތައް: މިދިޔަ ރޯދައަށް ވުރެ އިތުރަށް 1،500 ރުފިޔާ މީހަކަށް ލިބުނު --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އޭގެއިތުރަށް، މި އަހަރު ފިތުރު ޒަކާތަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ނަމަވެސް، ފަގީރުންނާއި މިސްކީނުންނަށް ބަހާފައި ވަނީ، 13.8 މިލިއަން ރުފިޔާއެވެ. މިގޮތުން، ޒަކާތް ލިބުނު މީހުންގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.
މި އަހަރު ފިޠުރު ޒަކާތް ބަލައިގެންފައި ވަނީ، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭހެން ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުން ކޮށްގެނެވެ.
މީގެއިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ.
މާލެ ސަރަޙައްދުގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި، ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިނިސްޓްރީން ބުނީ، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފިތުރު ޒަކާތުގެ މަސައްކަތް ކުރިއަށް ގެންދެވުމުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓާ ކުރެވުނު ކަމަށެވެ. އެހެންވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ހަމަހަމަކޮސް ފައިސާ ބެހުމަށް މަގުފަހިވިކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.