މާލޭގައި ގޮވާމުން ފިޠުރު ޒަކާތް ބަހަން މިއަދު ފަށައިފިއެވެ.
ޒަކާތު ހައުސްއިން ބުނީ، ގޮވާމުން ފިޠުރު ޒަކާތް ބަހާނީ މިއަދާއި މާދަމާ، ހެނދުނު 10:00އިން 12:00އަށް، އަދި މެންދުރު 1:00އިން 3:00އަށް ކަމަށެވެ.
މާލެ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ މާލޭގައި ހުންނަ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަހަން ފަށާފައިވާއިރު، ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށްވެސް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. އަދި އާންމުކޮށް ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ޒަކާތު ހައުސްއިން ވަނީ، ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް، އޮންލައިންކޮށް ހަތް ޕްލެޓުފޯމެއް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގެންފައެވެ. އެއީ:
- ދިރާގުޕޭ
- އުރީދޫގެ އެމްފައިސާ
- އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓު
- ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
- ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
- އަވަސް އެޕް
- ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް
މި ރޯދަމަހުގެ ފުރަތަމަ 15 ދުވަހުގެތެރޭ ފިޠުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފާއިތުވި ތިން އަހަރުވެސް އެ މުއްދަތުގައި ލިބުނު އަދަދަށްވުރެ އިތުރު އަދަދެކެވެ.
ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިޠުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.