ކުރިއަށްއޮތް ރޯދަމަހު، އޮންލައިންކޮށާއި ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނަ ގަޑިތައް މިއަދު މޯލްޑިވްސް ޒަކާތު ހައުސިން އިއުލާނުކޮށްފިއެވެ.
ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ، އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ، ރޯދަމަހު ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހު 27ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކަމަށެވެ.
އޮންލައިންކޮށް ޒަކާތް ބަލައިގަންނާނީ:
- ދިރާގު: އެޕް / ދިރާގު ޕޭ ވެބްސައިޓް މެދުވެރިކޮށް
- އުރީދޫ: އެމްފައިސާ އެޕްލިކޭޝަން މެދުވެރިކޮށް
- މޯލްޑިވްސް އިސްލާމިކު ބޭންކު: ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން މެދުވެރިކޮށް
- ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) މެދުވެރިކޮށް
- ފަހިޕޭ: ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް
- މިނިސްޓްރީ އޮފް ފިނޭންސް: ބަނޑޭރި ޕޭ ވެބްސައިޓު ނުވަތަ ޕޯޓަލް މެދުވެރިކޮށް
މިނިސްޓްރީން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. އަދި އޭގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ
މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވާނެކަމަށެވެ.
ރަމަޟާން މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ކައުންޓަރުން ޒަކާތް ބަލައިގަންނާނީ، ދޭއް މާޗުން 20 މާޗަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00އަށެވެ. އަދި 23 މާޗުން 30 މާޗަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 11:00 އިން 14:00އަށެވެ.
މިނިސްޓްރީން ބުނީ، މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުތަކުން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ
- ރަތް ހަނޑޫ: 86 ރުފިޔާ
- ބަސްމަތީ ހަނޑޫ އާދައިގެ: 74 ރުފިޔާ
- ބާސްމަތީ ހަނޑޫ މޮޅު: 100 ރުފިޔާ
- ބާސްމަތީ ހަނޑޫ އެންމެ މޮޅު: 133 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.