ސާޅީސް ތިން ހާހެއް މީހުން ރަޖިސްޓްރީގައި ތިބި އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ މިސްކިތްތަކާ ދުރު, ލާދީނީ ބައެއް ކަމަށް ސިފަކޮށް, އެ ޕާޓީގެ ވެރިކަންތަކުގައި މިސްކިތްތައް ބިނާ ނުކުރާ ކަމަށް, ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ މީހުންނަކީ މިސްކިތްތަކާ ދުރު ބައެއް ކަމަށެވެ. އަދި އެ ޕާޓީގައި ރަނގަޅު މީހުން ތިބި ނަމަވެސް ޖުމުލަ ގޮތެއްގައި އެމްޑީޕީ މީހުންނަކީ ނުލަފާ ބައެއް ކަމަށް ފަލާހް އިއްޔެ މަޖިލީހުގައި ވިދާޅުވިއެވެ.
އެއަށް ފަހު ފަލާހު ވަނީ އެމްޑީޕީގެ ދެ ވެރިކަން ނިމުނުއިރު އެއްވެސް މިސްކިތެއް ނުހުޅުވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައިފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ފުރަތަމަ ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާން ވެރިކަމާ ހަވާލުވި 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ގިނަ މިސްކިތްތައް ބިނާ ކުރަމުން ގެންދިޔައީ އަމިއްލަ މީހުން ކަމަށެވެ.
"އެހެން ނަމަވެސް މިސްކިތްތައް ބާވެ, ޖާގަ ކުޑަވެފައިވާ ކަމުން މިސްކިތް ބިނާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން އޭރުގެ ކެބިނެޓުން ނިންމި," ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާން ވިދާޅުވީ އެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގައި 42 މިސްކިތް ބިނާ ކުރެއްވި ކަމަށެވެ.
ދިވެހި ރާއްޖޭގައި އިސްލާމީ ދާއިރާއަށް ޚާއްސަކޮށްގެން އެންމެ ފުރަތަމަ ވަކި މިނިސްޓްރީއެއް ވެސް އުފެއްދެވީ ނަޝީދުގެ ވެރިކަމުގައެވެ. ހަމަ އެހެންމެ އިސްލާމިކް ބޭންކިންގެ ޚިދުމަތް ވެސް ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓެވީ ނަޝީދުގެ ވެރިކަމުގައެވެ. އަދި ދީނީ ދަރުސްތައް ދިނުމުގެ ފުރުސަތު އޭގެ ކުރިން ރާއްޖޭގައި ނޯންނަ މިންވަރަށް ހުޅުވާލިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ޓެގު އަޅުވާތީ އެ މެންބަރުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ ގާނޫނަކުން ނޫނީ އެކަން މަޖިލީހުގައި ނުހުއްޓުވޭނެ ކަމަށެވެ.