ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ލޯނެއް ދައްކަން، 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

އެމްއޭސީއެލްގެ އެމްޑީ ޝަރީފް --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ކުރި ކެޕިޓަލް ޚަރަދު ހަމަޖައްސަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ސްރީލަންކާގެ ބޭންކުތައް ހިމެނޭހެން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފިއެވެ.

ސްރީލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖެއަށް ލޯން ހަމަޖައްސައިދިނީ ލަންކާގެ އެންޑީބީ އިންވެސްމެންޓް ބޭންކް (އެންޑީބީއައިބީ) މެދުވެރިވެގެންނެވެ.

އެ ލޯން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކް ކަމަށްވާއިރު، އިތުރަށް ހިމެނެނީ ނޭޝަންސް ޓްރަސްޓް ބޭންކާއި ހަބީބް ބޭންކް އޮފް މޯލްޑިވްސްއެވެ.

ލަންކާގެ ޑެއިލީ ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން، އެ ފައިސާ ޚަރަދު ކުރާނީ، ވީއައިއޭގެ އާ ޓާމިނަލްގެ ކެޕިޓަލް ޚަރަދު އަނބުރާ ދެއްކުމަށެވެ.

އެ ލޯނާ ގުޅޭ ގޮތުން މިހާތަނަށް އެމްއޭސީއެލްގެ ބަހެއް ލިބިފައިނުވެއެވެ.

https://www.sun.mv/210190

މީގެ ކުރީ ސަރުކާރުތަކުގައި ވަރަށް ޕްރޮފެޝަނަލްކޮށް ހިންގަމުން އައި އެމްއޭސީއެލްއަށް މި ސަރުކާރާއެކު ވަރަށް ފާޑު ކިޔުން ވަނީ ބޮޑުވެފައެވެ. އެއާޕޯޓް ހިންގުމަށް އުފައްދާފައިވާ އެމްއޭސީއެލްއިން މިސަރުކާރު އައި ފަހުން އެ ކުންފުނީގެ އަސްލު މެންޑޭޓުން ބޭރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބިންހިއްކުމާއި ކަސްރަތު ކުރާނެ ތަންތަން ހެދުން ފަދަ ކަންކަން ހިމެނެއެވެ.

އަދި އެ ކުންފުންޏަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުން އާއްމުވެފައިވާ ކަމަށާއި ކުންފުނި ހިންގުމުގައި ކުރިން އަމަލު ނުކުރާ ގޮތްތަކަކަށް ފަހުގެ މެނޭޖުމަންޓުން އަމަލު ކުރާ ކަމުގެ ޝަކުވާ އެތަނުގައި ދުވަސްވީ މުވައްޒަފުން ވެސް ގެންދަނީ ކުރަމުންނެވެ.

ޑްރޯން ޝޯއަކާއި، ރެކޯޑް ފޮތުން ޖާގަ ހޯދި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކާއެކު، އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ގުޅުވައި، މިދިޔަ ޖުލައި 26ގައެވެ. އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާއަށް, ސައޫދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ. އެގޮތުން އިމާރާތުގެ ފަރުމާއަށް ބަދަލު ގެނެސް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 386 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިނެއް ނަގާފައިވެއެވެ.

https://sun.mv/209136

އެއަށްފަހު މި ސަރުކާރު ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫދާބީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި 1.2 ބިލިއަން ރުފިޔާ (78 މިލިއަން ޑޮލަރު) ހަމަޖެއްސެވިއެވެ.

ރާއްޖެއަށް ދަރަނީގެ ބުރަ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން، މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ރާއްޖޭން ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

comment ކޮމެންޓް