މާލެ ސަރަހައްދުގައި މަސްކޭސް ބަހާ ނިންމާލިޔަސް، ރޯދަ މަސް ފެށެންދެން މިފްކޯއިން ލިބޭނެ!

މީހަކު މަސްކޭހެއް ހިފައިގެން ދަނީ: ރޯދަ ފެށެންދެން މަސް ކޭސް ނެގޭނީ ހަމައެކަނި މިފްކޯ މަރުކަޒުން ---- ފޮޓޯ/ލޯކަލް ގަވަނަންސް މިނިސްޓްރީ

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސް ކޭސް ބެހުމުގެ މަސައްކަތް ރޭ ނިންމާލިޔަސް، ރޯދަ މަސް ފެށެންދެން މިފްކޯ މަރުކަޒުން މަސްކޭސް ނެގުމުގެ އިންތިޒާމު ލޯކަލް ގަވަނަންސް މިނިސްޓްރީން ހަމަޖައްސައިދީފިއެވެ.

މަސް ކޭސް ބެހުމުގެ މަސައްކަތް ފެށީ، މިދިޔަ މަހު 24ގައެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ރޭގެ ނިޔަލަށް މަސް ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ނިންމާލާފައިވާ ކަމަށެވެ.

ނަމަވެސް، އެއްވެސް ސަބަބަކާ ގުޅިގެން މަސް ކޭސް ނަގާފައިވާ ނުވާ މީހުންނަށް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން އެ ކޭސް ނެގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަރުކަޒުން މަސް ކޭސް ދޫކުރާނީ، ރޭގަނޑު 08:30 އިން 11:00އާ ހަމައަށެވެ.

މިނިސްޓަރު ވަނީ، މަސް ކޭސް ދޫކުރުމުގައި އެހީތެރިވެދިން ހުރިހާ އެންމެނަށް ޝުކުރު ދަންނަވާފައެވެ.

މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހަން ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް، އޭގެތެރެއިން މަސް ކޭސް ނެގި މީހުންގެ ތަފްސީލު މިހާތަނަށް ލިބިފައެއް ނުވެއެވެ.

ރަށްރަށުގައި މަސް ކޭސް ދޫކުރަނީ، އެ ރަށްރަށުގެ ކައުންސިލުތަކުން ކަމަށްވާއިރު، މާލެ ސަރަހައްދުގައި އެ މަސައްކަތް ކޮށްފައި ވަނީ ޖުމްލަ 15 ތަނެއްގައެވެ.

ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަސް ފެށޭނީ އަންނަ ބުދަ ދުވަހެވެ.

comment ކޮމެންޓް