އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން 700 އަށްވުރެ ގިނަ އަދަދެއްގެ ބަނގުރާ ފުޅި މިއަދު ނައްތާލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި ނައްތާލާފައިވަނީ 777 ފުޅި ބަނގުރަލާއި 225 ބަނގުރާ ދަޅާއި އެހެނިހެން 10 އެއްޗެކެވެ.
މި ތަކެއްޗަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށް ބުންޏެވެ. އަދި ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 700އަށްވުރެެ ގިނަ ބަނގުރާފުޅި ނައްތައިލުމުގެ ތެރެއިން -- ފޮޓޯ: ފުލުހުން
ފުލުހުން ބުނީ މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
ބަނގުރަލުގެ މައްސަލަތަކަކީ މާލެ ސަރަހައްދުގައި، ވަކިން ހާއްސަކޮށް ހުޅުމާލޭގައި އާންމުވެފައިވާ އެއް ކަމެވެ. މި މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ބިދޭސީންނެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ވަނީ 500 އެމްއެލްގެ 26 ފުޅިއާއި އެކު 25 އަހަރުގެ ބަންގްލަދޭޝްގެ ޒުވާނަކު ހުޅުމާލެއިން އަތުލައިގަނެފައެވެ.