ފަހި ޓަވަރުތަކަށް ކުނިއެޅުން: ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ފަހި ޓަވަރުތަކެއް ކައިރިއަށް ކުނި އަޅައިފައި: އެ މައްސަލައިގައި ދެ މީހަކު 8،000 އިން ވަނީ ޖޫރިމަނާކޮށްފަ -- ފޮޓޯ/ އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ޓަވަރުގެ ސަރަހައްދުތަކަށް ކުނި އަޅައިގެން މިހާތަނަށް ދެ މީހަކު ޖޫރިމަނާކޮށް، ޖުމުލަ 8000 ރުފިޔާ ދައްކަން އަންގައިފިއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ، ދެ މީހުން ޖޫރިމަނާކުރީ ފަހި ޓަވަރުގެ ސަރަހައްދުތަކަށް ކުނި އެޅިކަމުގެ ހެކި ލިބުމުން ކަމަށެވެ. އެގޮތުން އެކަކު 5000 ރުފިޔާއިން އަދި ދެވަނަ މީހާ 3000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ޙަމްދާން ވިދާޅުވިއެވެ.

ޙަމްދާން ވިދާޅުވީ، ބައެއް ފުލެޓުވެރިން ކުނި ބެހެއްޓުމަށްފަހު ފޮޓޯ ނަގައި ކޮމިއުނިޓީ ގްރޫޕުތަކަށް އަޅަމުންދާކަން އެފްޑީސީގެ މުވައްޒަފުންނަށް ފާހަގަވެފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ހުސްފޮށި އުކާލާއިރު، އޭގެ ތެރެއަށް ކުނިވާ ޒާތުގެ ތަކެތި އަޅައި ކުނިތައް އެއްވުމުގެ ސަބަބުން ކުނިވެ ނަޖިސް ވަސް ދުވާކަން ފާހަގަވެފައިވާ ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ހޯމަ ދުވަހުގެރޭ ފަހި ފުލެޓުތަކުން 25 ޓަނުގެ 17 ކުނި ލޮރީ ހުސްކުރެވިފައިވެއެވެ.

ފިޔަވަޅު އަޅާނެކަން އެފްޑީސީން ހާމަކޮށް ފިޔަވަޅު އަޅަން ފެށުމުން ކުނި އަޅާ ވަރު މަދުވެއްޖެ ކަމަށް ޙަމްދާން ވިދާޅުވިއެވެ.

އެއާއެކު، ޙަމްދާން ދެން ވިދާޅުވީ، އޭސީ ހަރުކުރުން ފަދަ މަސައްކަތްކުރުމަށް އަންނަ ފަރާތްތަކުންވެސް ފަހި ޓަވަރުތަކަށް ކުނި އަޅައިފައި ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެކަންތައް ފާހަގަކޮށްފަ އަޅުގަނޑުމެން މިދަނީ އެކަމަށް ހައްލެއް ހޯދަމުން، މިހާރު އަޅުގަނޑުމެންނަކަށް އެ ބޭފުޅުންނަކަށް ޑައިރެކްޓްލީ ޓެނަންޓުންނަށް އަޅާ ފިޔަވަޅެއް ނޭޅޭނެ، އެކަމަކު ޒިންމާދާރުކުރެވިދާނެ، ކުންފުނިތަކުން [ކުނި] އަޅަންޏާ ޖެހޭނީ ފުލުހުންނާ ގުޅިގެން އެންވަޔަރަމަންޓް ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން،" ޙަމްދާން ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ 'ސަން'އާ ވާހަކަ ދައްކަވަމުން ޙަމްދާން ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފުލެޓުތަކުގައި ކުނިބުނި އެއްވަނީ ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ދުވަހު އުކާލާ ކުނީގެ ތެރެއަށް ބޮޑެތި ކުނިތައް އަޅާތީ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާކޮށް، ފުލެޓު އެއްބަސްވުމުގައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ފަހި ފުލެޓުތަކުގެ އިތުރުން، އެހެން ފުލެޓުތަކުގެ ތިރީގައި ވެސް ދޭތެރެއަކުން އާންމުން ބައެއް ފަހަރު ކުނިބުނި ބަހައްޓައެވެ. އެގޮތަށް ބަހައްޓާ ބައެއް ކުނިބުނީގައި އަލިފާން ރޯވެ، އަލިފާނުގެ ބައެއް ހާދިސާތައް ވެސް އެކިފަހަރު މަތިން ހިނގާފައިވެއެވެ.

އަދި ބައެއް ފަރާތްތަކުން އެ ފަރާތްތައް ދިރިއުޅޭ ފުލެޓުތަކުގެ ބޭރުގައިވެސް ކުނިބުނި ބަހައްޓައިފައި ހުރެއެވެ.

މިކަމާ ގުޅިގެން ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރަން އެފްޑީސީން ފެށީ އިއްޔެއެވެ.

comment ކޮމެންޓް