ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް އޮންލައިންކޮށް ޕެޓިޝަނެއް ހުށަަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް، ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފުތިތާހު ކުރީ އާދިއްތަ ދުވަހުގައެވެ.
އެ ޕޯޓަލްއަށް އިއްޔެ ފުރަތަމަ ޕެޓިޝަން ހުށަހެޅީ، އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދިއެވެ.
އޭގެ ފަހުން އެ ޕޯޓަލްއަށް އިތުރު ޕެޓިޝަނެއް ވަނީ ހުށަހަޅައިފައެވެ. މިއަދު ހުށަހެޅި ޕެޓިޝަންގައި ވަނީ ފަހަކަށް އައިސް ދިވެހި ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަށް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުން ކުރާ ކަމަށެވެ. އެ ކުދިން ކުރާ ކަމެއް ބެލުމަށް ގިނަ ފަހަރު ބެލެނިވެރިންނަށް ވަގުތެއް ނުވާ ކަމަށް އެ ޕެޓިޝަންގައި ވެއެވެ.
އެހެން އެކަން އޮތްއިރު، ޔޫޓިއުބް, ޓިކްޓޮކް އަދި އެހެނިހެން މަންސްތަކުން ދަނީ ކުޑަކުދިންނަށް އެކި ކަހަލަ ފާހިޝް، ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށް ދެމުން ކަމަށް ޕެޓިޝަންގައިވެއެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް އެކި ކަހަލަ ނޭދެވޭ އަޚުލާގީ އަދި ތޮބީޢީ ބަދަލުތަކެއް އަންނަކަން ފާހަގަވާ ކަމަށާއި، އެކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނާއި ގަވަދުތައް އަދާހަމަ ކުރަން ޖެހޭ ކަަމަށް ޕެޓިޝަނުގައިވެއެވެ.
އެ މައްސަލަ ހައްލުކުރުމަށް، ފޭސްބުކާއި ޓްވިޓާއާއި ޔޫޓީއުބްއާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކާއި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކުރުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.
އެފަދަ ގަވައިދު ނުވަތަ ގާނޫނު ހަދާ ފަހުން ވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާނަމަ, އެ ކުދިންނަށާއި ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިން ނުވަތަ ނަސޭހަތްތެރިވުމަށް ޕެޓިޝަނުގައި ހުށަހަޅައިފައިވެއެވެ. އަދި ތަކުރާރުކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންގެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ބެލޭ ގޮތަށް، ބާރުތަކެއް ދިނުމަށް ވެސް ޕެޓިޝަނުގައިވެއެވެ.
މީގެ އިތުރުން އެ ޕެޓިޝަންގައި ވަނީ ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެ ގަވައިދަށް އަމަލުކުރަން ފަށަން ގޮވާލައިފައެވެ.
މިއަދު ހުށަހެޅި އެ ޕެޓިޝަންގައި މިހާތަނަށް ސޮއިކޮށްފައިވަނީ 13 މީހުންނެވެ.
މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕެޓިޝަންގައި، ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމާއި، ސޮއިގެ ވަކި ތްރެޝްހޯލްޑެއް ހަމަނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާކޮށްފައި އޮންނަން ޖެހުން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ހިނގަމުންދާ ދިރާސީ އަހަރު ފެށުނުއިރު ސަރުކާރުން ވަނީ ގުރޭޑު 10އިން ދަށުގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާކޮށް، ގުރޭޑު 11އާއި 12ގައި ކިޔަވާ ކުދިންގެ ފޯނު ކިޔަވާ ގަޑީގައި، ލޮކަރުގައި ބާއްވަން އަންގައިފައެވެ.